13 ޑިސެމްބަރ 2017 - 09:52

ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިސް ކްލަބް އަތުން މޮޅުވެ ޏ. ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުން ގައުމީ ލީގު ޗެމްޕިއަންކަން ހޯދި މިސްކިތްމަގު މޮޅުވީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 14-25 އިންނެވެ. މިސްކިތްމަގު މޮޅުވީ ފަހަތުން އަރައި ތިން ސެޓު ގެންގޮސްގެންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 25-12، 29-27، 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގަށް ކުޅޭ ބިދޭސީ ކުޅުންތެރިއާ ނިރްމަލާ އެވެ.
މިސްކިތްމަގަކީ ގައުމީ އަންހެން ވޮލީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އޭގެ ތެރޭގައި ފާތިމަތު ޖޫޒާން ޒަރީރް، ހައްވާ ސަހާ، ސިލްމާ ޒާހިރު އަދި އައިމިނަތު އަރީޝާ ހިމެނެ އެވެ. މީގެ އިތުރުން އެ ޓީމުގައި ނޭޕާލްގެ މޮޅު ކުޅުންތެރިއެއް ކަަމަށްވާ ޕްރަތީބާ ވެސް އެ ޓީމަށް ކުޅެ އެވެ.
ޕޮލިހުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ހައްވާ ރާޝިދާ އެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގުން ހޯދިއިރު، ދެ ވަނަަ ޖާގަ ލިބޭނީ ދެ ވަނަ ސެމީގައި މޯލްޑިވިއަން އާއި ޕޮލިސް ކުޅޭ މެޗުންނެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.