14 ޑިސެމްބަރ 2017 - 06:23

އެމެރިކާގެ ފިލަޑެލްފިޔާގެ ލިއާ ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި ފްލަޝްކޮށްލެވޭ ޕްރެގްނަންސީ ޓެސްޓް ކިޓެއް ބާޒާރަށް ނެރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފި އެވެ.
ޚާއްސަ ކަރުދާހަކުން ތައްޔާރުކޮށްފައިވާ މީތި ހަލާކުނުވެ އޮންނަނީ ޓެސްޓް ކޮށްލާހާ އިރުކޮޅަކަށެވެ. ފެން ޖެހުމުން މާ ގިނައިރުތަކެއް ނުވެ ގިރެން ފަށަ އެވެ. މި ޕްރެގްނަންސީ ކިޓަށް ބިއްލޫރިކޮޅެއް އަދި ބެޓެރީއެއް ވެސް ބޭނުމެއް ނުވެ އެވެ.
މި މަސައްކަތް ކުރަނީ ޕްލާސްޓިކް ޕްރެގްނަންސީ ޓެސްޓް ވެސް މަސައްކަތް ކުރާ ގޮތަށެވެ. ބަލިވެ އިނުމާ ގުޅިގެން އުފެދޭ ހޯމޯން ކުޑަކަމުދާ އެއްޗެހީގައި ހުރި ނަމަ މި ޓެސްޓުން އެއަށް ރިއެކްޓް ކުރާނެ އެވެ.
ނިއު ޔޯކް ޑެއިލީގައި ބުނެފައިވާ ގޮތުން މިއީ 99 ޕަސެންޓް ބަރާބާރު ޓެސްޓެއް ކަމަށް ކުންފުނިން ބުންޏެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި މި ބާޒާރަށް ނެރެވޭވަރު ވާނެ ކަމަށް ވެސް ކުންފުނިން ބުންޏެވެ.
ލިއާގެ ވެބްސައިޓާއި އެމެޒޯނުން ވެސް މި ޕްރެގްނަންސީ ޓެސްޓް ގަންނަން ލިބޭނެ ކަމަށާއި އަގު އުޅޭނީ ނުވަ ޑޮލަރާއި 22 ޑޮލަރާ ދެމެދުގައި ކަމަށް ވެސް ކުންފުނިން ބުނެ އެވެ.