16 ޑިސެމްބަރ 2017 - 07:15

މިހާރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ލިސްޓެއް އެކުލަވައިލާ ނަމަ ހަމަ ޔަގީނުން ވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ނަން އަންނާނެ އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހުގައި އޭނާއަކީ އެންމެ ވަރުގަދަ އެއް ނަމެވެ. އެކަމަކު ޕުޓިންއާ ބެހޭ ގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް މިހާރު ވަނީ ތިލަވެފަ އެވެ. އެއީ ފިލްމުތަކުގައި ސްޓަންޓްތައް ހަދައިދޭ މީހެއްގެ ގޮތުގައި އޭނާ އުޅުއްވި ވާހަކަ އެވެ. އެކަމަކު މުނިފޫހިފިލުވުމުގެ ދާއިރާގައި ސިޔާސީ މީހުން އުޅުމަކީ ނުވަތަ ކުރިން އުޅެފައިވުމަކީ އެއްގޮތަކަށް ވެސް ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
ޕުޓިންގެ އެންމެ ގާތް އެކަކު ކަމަށްވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް އެއް ޒަމާނެއްގައި އެކްޓަރެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޕުޓިން ސްޓަންޓްމޭނަކަށް އުޅުއްވީ ޔުނިވަސިޓީގައި ކިޔަވާ ވިދާޅުވި ދުވަސްވަރު އެވެ. އަދި އެއީ އޭރު ޕޮކެޓް މަނީ ހޯއްދަވަން ކުރެއްވި މަސައްކަތެއް ކަމަށް ޕުޓިންއާ އެކު ކިޔަވަން އުޅުނު ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ބިނާކޮށް ލެންފިލްމް ސްޓޫޑިއޯ އިން ހެދި ފިލްމްތަކެއްގައި ސްޓަންޓްމޭނެއްގެ ގޮތުގައި ޕުޓިން ހަރަކާތްތެރިވެވަޑައިގެންފައިވާ ކަމަށް އެ މީހުން ބުންޏެވެ.
ސްޓަންޓްމޭނުންނަކީ ފިލްމުތަކުގައި އެކްޓަރުންގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި ދައްކާ ބަޔަކަށް ވާތީ އެ މީހުންގެ އަސްލު މޫނެއް ނުފެންނާނެ އެވެ.
ޕުޓިން ސްޓަންޓްމޭނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފިލްމުތަކުގެ ތެރޭގައި 1972 ގެ "އިޒްހޯރާ ބެޓަލަން" އާއި 1974ގެ "ބްލޮކޭޑް" ހިމެނެ އެވެ.
ރަޝިއާގެ އިންޓަނޭޝަނަލް ސަމްބޯ ކޮމްބެޓް ސްޕޯޓް ފެޑެރޭޝަންގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ވެޒިލީ ޝެސްޓަކޯވްއާ ހަވާލާދީ ޑޮޒް ނެޓްވާކުން ބުނީ އޭނާއަކީ ޕުޓިންއާ އެކު ސްޓަންޓްމޭނެއްގެ ގޮތުގައި އުޅުނު މީހެއް ކަމަށެވެ. އަދި އޭރު އެ މީހުންނަށް މާޝަލް އާޓްސް ހުނަރު ލިބިފައިވާތީ އެ ފުރުސަތު ލިބުނީ ކަމަށް ބުންޏެވެ.
"ޔުނިވަސިޓީގައި އަހަރެމެން ދެ މީހުން ކިޔަވަން އުޅުނު އިރު ފިލްމުތަކުގައި ސްޓަންޓްތައް ހަދަން އެކީގައި އުޅުނީ. އޭރު އެ މަސައްކަތުން މަހެއްގެ މައްޗަށް ހަތްދިހަ ފަސް ރަބަލް ލިބޭ،" ވެޒިލީ ބުންޏެވެ.
"އެއީ އޭރަށް ބަލާ އިރު ވަރަށް ބޮޑު އެއްޗެއް."
ސްޓަންޓް ކޯޑިނޭޓަރެއްގެ ގޮތުގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރި އަދި ކުރީގެ އެތުލީޓެއް ކަމަށްވާ ނިކޮލާއީ ވަޝްލިން ބުނި ގޮތުގައި ޕުޓިން ސްޓަންޓްތައް ހެއްދެވި ފިލްމްތަކުގެ ސެޓްގައި ނަގާފައި ހުރި ފޮޓޯތައް ވެސް އޭނާގެ އަތުގައި އެބަ ހުއްޓެވެ.
އެކަމަކު އެ ފޮޓޯތައް މިހާރު ވަރަށް ނުސާފު ކަމަށާއި ފަހަރުގައި އެ ފޮޓޯތަކުން ފެންނަނީ ޕުޓިން ކަމަށް ބައެއް މީހުން ގަބޫލުނުކޮށް ފާނެ ކަމަށް އޭނާ ބުންޏެވެ.
ޕުޓިން، 65، އާ ބެހޭ ގޮތުން ދެކެވެމުން އަންނަ މި ވާހަކަތަކާ ގުޅޭ ގޮތުން ރިޔާސީގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯ ވިދާޅުވީ ޕުޓިން ސްޓަންޓްމޭނެއްގެ ގޮތުގައި އެއް އިރެއްގައި ވެސް އުޅުއްވިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންވެ އެކަމާ އޭނާ އިތުރު ވާހަކައެއް ނުދައްކަވަ އެވެ.