16 ޑިސެމްބަރ 2017 - 11:58

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 16) - ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހަކީ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ފާއިތުވި ދުވަސްތަކުގައި ސްޕެއިނުގެ މީޑިއާތަކުން ވަނީ ރެއާލުން ސަލާހަށް ފާރަލާން ފަށާފައިވާ ކަމަށް ރިޕޯޓް ކޮށްފަ އެވެ. އަދި މިސްރުގެ ގައުމީ ޓީމުގެ ކޯޗު ހެކްޓަ ކޫޕާ ވެސް ވަނީ ސަލާހަށް ރެއާލުން ޝައުގުވެރިވާކަމުގެ ޔަގީންކަން ދީފަ އެވެ.
"ސަލާހަކީ ތަފާތު މޮޅު ކުޅުންތެރިއެއް. އެކަން އޭނާ ރޯމާގައި ހުރެ ސާބިތުކޮށްދީފި. މިހާރު އޭނާ އެ އަންނަނީ ޕްރިމިއާ ލީގުގައި އެ ތަފާތު ލިވަޕޫލުގައި ހުރެ ވެސް ދައްކަމުން. އޭނާ އަކީ ޒުވާން ކުޅުންތެރިއެއް. އާންމުކޮށް އަހަރެން އެހެން ޓީމުތަކުގެ ކުޅުންތެރިންނާ ބެހޭގޮތުން ވާހަކައެއް ނުދައްކަން. އެކަމަކު ސަލާހަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް،" ޒިދާން ބުންޏެވެ.
ސަލާހު ވަނީ ދާދި ފަހުން ބީބީސީން ހޮވި އެފްރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އަދި އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ނޮވެމްބަރު މަހުގެ އެންމެ މޮޅު ކުޅުންތެރިއާ އެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ހަފްތާގައި ހޯދި އެވެ.
މިދިޔަ ސީޒަނުގައި ރޯމާ އަށް 15 ގޯލު ޖަހައި 11 ލަނޑު ޖަހަން ސަލާހު އެހީތެރިވެދިންއިރު، ރޯމާ ލީގު ނިންމާލީ ދެ ވަނައިގަ އޮވެ އެވެ. މި ސީޒަނުގައި ސަލާހު ލިވަޕޫލާ ގުޅުނީ 35 މިލިއަން ޕައުންޑަށެވެ. ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު ވަނީ މިހާތަނަށް 19 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން 13 ގޯލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި ގޯލުތަކެވެ. އެ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ސަލާހެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ސަލާހުގެ އިތުރުން ހިމެނެނީ ޗެލްސީގެ އެޑެން ހަޒާޑް އެވެ.