17 ޑިސެމްބަރ 2017 - 08:52

އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް (ޔޫއެފްއޯ)އާ ބެހޭ ތަހުގީގުތަކެއް ކުރަން އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން އެތައް މިލިއަން ޑޮލަރެއްގެ ސިއްރު ޕްރޮގްރާމެއް ހިންގި ކަމަށް، އެ ގައުމުގެ މީޑިއާ އިން އިއްޔެ ހާމަކޮށްފި އެވެ.
ޔޫއެފްއޯ އަކީ ޖައްވުގައި ދަތުރުކުރަނިކޮށް ފެންނަ ކަމަށް ބުނާ އެއްޗެހިތަކެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އޭލިއަން އެވެ. އެކަމަކު ޔޫއެފްއޯ އަކީ ހަގީގަތެއްކަން އަދި ސާބިތުކޮށެއް ނުދެވެ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި 2007 ގައި ފަށައި އަދި 2012 ގައި ނިންމާލި ޕްރޮގްރާމްގެ ހަގީގަތް އެނގެނީ ޕެންޓަގަންގެ ވަރަށް މަދު ބަޔަކަށެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި ވަރަށް ބާރަށް ދަަތުރުކުރާ ގޮތް ނޭނގޭ މަތިންދާބޯޓެއް ނުވަތަ މަތީގައި ހުއްޓިފައި އޮންނަ އެއްޗެއްގެ ސިފަތައް، އެ ޕްރޮގްރާމްގެ ލިއުންތަކުގައި ހިމެނެ އެވެ.
އެކަމަކު ސައިންސްވެރިންގެ ހިތުގައި އޮތީ ޝައްކެވެ. އެ މީހުން ބުނާ ގޮތުގައި ގޮތް ނޭނގޭ އެއްޗެއް ފެނުމަކީ އޭލިއަން އުޅޭކަމުގެ ހެއްކެއް ނޫނެވެ.
ޕެންޓަގަން އިން ހިންގި ޕްރޮގްރާމްގެ ނަމަކީ އެޑްވާންސްޑް އެއިރޮސްޕޭސް ތްރެޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމެވެ. މި މަސައްކަތުގެ ބާނީއަކީ ކުރިން ސެނެޓްގެ މެޖޯރިޓީ ލީޑަރު، ޑިމޮކްރެޓިކް ޕާޓީގެ ސެނަޓަރެއް ކަމަށްވާ ހެރީ ރެއިޑެވެ.
ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރެއިޑް ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންދެވުނީތީ އޭނާ ދެރަވެ، އަދި ލަދުނުގަންނަ ކަމަށެވެ.
"އަހަރެން މި ކުރީ އޭގެ ކުރިން އެކަަކު ވެސް ކުރި ކަމެއް ނޫން،" ރެއިޑް ވިދާޅުވި އެވެ.
ހަރަަދު ކުޑަކުރުމުގެ ގޮތުން ޕްރޮގްރާމް ހުއްޓާލި އިރު ޔޫއެފްއޯއާ ބެހޭ ސިއްރު ތަހުގީގަށް 20 މިލިއަން ޑޮލަރު، ޕެންޓަގަން އިން ހޭދަކުރި އެވެ.
ކޮންގްރެސްގެ ކުރީގެ ބައެއް މުވައްޒަފުން އެމެރިކާގެ ބައެއް މީޑިއާތަކަށް ބުނި ގޮތުގައި އެ ޕްރޮގްރާމްގެ އެއް މަގުސަދަކީ ބޭރުގެ އެހެން ގައުމުތަކުން ޓެކްނޮލޮޖީގެ ދާއިރާ އިން ހޯދާ ކުރިއެރުންތައް ވެސް ބެލުމެވެ. އެގޮތުން ޗައިނާ އާއި ރަޝިޔާ އިން، އެމެރިކާ އަށް ވުރެ އެޑްވާންސް އުފެއްދުންތަކެއް އީޖާދުކުރީތޯ އާއި ގޮތް ނޭނގޭ އެއްޗިއްސާ އެ ގައުމުތަކާ ގުޅުމެއް ހުރިތޯ ބެލުން ވެސް، ސިއްރު ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނިދާނެ ކަމަށް އެ މީހުން ބުނެ އެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ވަނީ ކުރިން ސިއްރުކުރި އެތައް ލިއެކިއުންތަކެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫއެފްއޯ ފެނިގެން ކޮށްފައިވާ ރިޕޯޓްތައް ވެސް ހިމެނެ އެވެ.