މުއާގެ "ލީނާ" ފިޗާ ފިލްމަކަށް، ޓައިޓްލް ރޯލަށް އައްޒަ
މުއާގެ "ލީނާ" ފިޗާ ފިލްމަކަށް، ޓައިޓްލް ރޯލަށް އައްޒަ

ފަސް އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) މިދިޔަ އަހަރު ހަދަން އުޅުނު "ލީނާ" ފީޗާ ފިލްމެއްގެ ގޮތުގައި އަންނަ އަހަރު ސްކްރީނަށް ގެންނަން ނިންމައި، އޭގެ މަސައްކަތަށް ތައްޔާރުވާން ފަށައިފި އެވެ.

މުއާގެ "ލީނާ" ފިޗާ ފިލްމަކަށް، ޓައިޓްލް ރޯލަށް އައްޒަ
މުއާގެ "ލީނާ" ފިޗާ ފިލްމަކަށް، ޓައިޓްލް ރޯލަށް އައްޒަ

މީގެ 19 އަހަރު ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީއަކަށް އުޅުނު އަޒްލީނާ ނަފީސް މަރާލި ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޓައިޓްލް ރޯލަށް ހަމަޖައްސާފައި ވަނީ މަރިޔަމް އައްޒަ އެވެ.

މުއާ ބުނީ އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމުގެ ބަތަލާގެ ރޯލަށް އައްޒަ ހަމަޖެއްސީ "ލީނާ" ގެ ރޯލަށް އޭނާ ވަރަށް ފިޓްވާތީ ކަމަށެވެ.

"މިއީ އައްޒަ އަށް ވަރަށް މޮޅަށް ކުޅެވޭނެ ކަހަލަ ރޯލަކަށް ވެފައި އޭނާއާ އެކު މަސައްކަތްކޮށްލަން ވެސް ފަސޭހަވާނެތީ، ބަތަލާއަކަށް އައްޒަ ނެގީ،" އެހެން މީހަކާ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމާ ބެހޭ ގޮތުން މުއާ ބުންޏެވެ.

"ލީނާ"ގެ ބަތަލާ އިއުލާންކުރި ނަމަވެސް ފިލްމުގެ އެހެން ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

"ކާސްޓިން މިހާރު އެއްކޮށް ނިމިފައި އޮތީ. ވަރަށް އަވަހަށް މުޅި ކާސްޓް ވެސް އެނގިގެން ދާނެ،" މުއާ ބުންޏެވެ.

"މީތި ފިލްމަކަށް ހަދަން ނިންމުމާ ގުޅިގެން ސްކްރިޕްޓަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައި. އިރާދަކުރެއްވިއްޔާ ބެލުންތެރިިން ބަލާހިތްވާ ކަހަލަ ފިލްމެއްގެ ގޮތުގައި މީތި ގެނެސް ދޭނަން."

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ "ލީނާ" ޝޫޓް ކުރަން ނިންމާފައި ވަނީ ކ. ހުރާގަ އެވެ. ޝޫޓިން އަންނަ މަހުގެ މެދު ތެރޭގައި ފަށާނެ އެވެ.

"ލޮކޭޝަން ވެސް މިހާރު އެއްކޮށްހެން ފައިނަލްވެފައި އޮތީ. މުޅި ފިލްމު އެއްކޮށް ހުރާގައި ޝޫޓް ކުރާ އިރު، ޕްރިންސިޕަލް ފޮޓޯގްރަފީ އަށް ވިއްސަކަށް ދުވަސް ނަގާނެ ކަމަށް އަންދާޒާ ކުރެވެނީ،" މީގެ ކުރިން ކުރު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އެކްޓަރު ބުންޏެވެ.

"ޕްރި-ޕްރޮޑަކްޝަންގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު މިއުޅެނީ."

މުއާ ބުނީ ޝޫޓިންއަށް މާ ގިނަ ދުވަހެއް ނުނެގިޔަސް، "ލީނާ" ގެ ޕޯސްޓް ޕްރޮޑަކްޝަނަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"ކޮންމެހެން އަވަހަށް ނިންމާފައި ފިލްމު އަޅުވާކަށް މަޖުބޫރު ހާލަތެއް ނެތް. އެހެންވެ ހަމަޖެހިލައިގެން މަސައްކަތްކޮށް އެއްކޮށް ނިންމުމަށް ފަހު، ފިލްމު އަޅުވާ ތާރީހު އިއުލާން ކުރާނީ،" މުއާ ބުންޏެވެ.

"އަހަރެން ވެސް ދުވަސްތަކެއް ފަހުން ފަށާ މި ކަހަލަ ފުރަތަމަ މަސައްކަތަށް ވާތީ، ވަރަށް ބޮޑަށް ތައްޔާރުވެގެން މިކަމުގެ ނޯހައު އެނގިގެން މި ނުކުންނަނީ. މަސައްކަތް ކުރާނަން އަހަންނަށް ކުރެވުނު އެންމެ ފުރިހަމައަކަށް މީތި ހަދަން."

އޭނާ ބުނި ގޮތުގައި އަންނަ އަހަރުގެ މެދު ތެރޭގައި ރިލީޒްކުރެވޭ ވަރުވަރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ތީމް ލަވައެއް ހިމެނޭ "ލީނާ" މިއުޒިކްގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައި ވަނީ މުހައްމަދު އިކްރާމާ އެވެ.