ބާސެލޯނާގެ ވާދަވެރިޔަކީ ހަމައެކަނި ރެއާލެއް ނޫން: ވަލްވޭޑޭ
ބާސެލޯނާގެ ވާދަވެރިޔަކީ ހަމައެކަނި ރެއާލެއް ނޫން: ވަލްވޭޑޭ

ބާސެލޯނާ (ޑިސެމްބަރު 18) - ސްޕެނިޝް ލީގުގައި ބާސެލޯނާގެ ހަމައެކަނި ވާދަވެރިޔަކީ ރެއާލް މެޑްރިޑް ނޫން ކަމަށާއި އެހެން ޓީމުތަކާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ވަނީ 4-0 އިން ޑިޕޯޓިވޯ ލަކަރޫނިއާ ބަލިކޮށްފަ އެވެ. މި މޮޅާ އެކު އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ 16 މެޗުން 42 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 16 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ރެއާލާ ބާސެލޯނާއާ ދެމެދު 11 ޕޮއިންޓުގެ ފަރަގު އެބައޮތެވެ. ރެއާލް އެއް މެޗު މަދުންކުޅެގެން އެ ޓީމަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.

"އަހަންނަށް އެނގޭ މީހުން އަބަދުވެސް ދައްކާނީ ރެއާލާއި ބާސެލޯނާގެ ވާދަވެރިކަމުގެ ވާހަކަކަން. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ އެތުލެޓިކޯ އޮތީ އަހަރެމެންނާ ހަ ޕޮއިންޓަށް ގާތުގައިކަން. ހަމައެކަނި އަހަރެމެން ވިސްނަންވީ ރެއާލާ މެދު އެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ ލުއިސް ސުއަރޭޒް ދެ ގޯލާއި ޕައުލީނިއޯ ދެ ގޯލެވެ. މި މެޗުގައި ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، އެނާ ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ލީގުގައި ބާސެލޯނާ އަށް ކުރިއަށް އޮތް މެޗަކީ ރެއާލް މެޑްރިޑާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު 5 ޖަހާއިރު އެވެ.