19 ޑިސެމްބަރ 2017 - 06:59

އަންނަ ހުކުރު ދުވަހަކީ އަނެއްކާވެސް އިންޑިޔާގެ ސިނަމާތަކުގައި ހަވާ އަރުވާނެ ދުވަހެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އެ ދުވަހު ރިލީޒްކުރާތީ އެވެ. ފިލްމުގެ އެޑްވާންސް ބުކިންގްސް ފެށިފައިވާއިރު ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސިނަމާތަކުގެ ވެރިން ވަނީ ބުނެފަ އެވެ.
ހޯމަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާފައިވާއިރު މިހާރުވެސް ޝޯތަކުގައި ހައުސްފުލް ބޯޑުތައް ވަނީ އަޅުވާފަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނީ ފެށުން ރަނގަޅު ވުމަކީ ކާމިޔާބުވުމުގެ ހެއްކެއް ކަމަށެވެ. ވަރަށް ގިނަ ސިނަމާތަކުން ގިނަ ޝޯތަކެއްގައި ހައުސްފުލް ބޯޑު މިހާރު ވެސް އަޅުވާފައިވާ ކަމަށާއި ފިލްމަށް "ތޫފާނީ ފެށުމެއް" ލިބޭނެކަމަށް ބެލެވޭ ކަމަށް ތަރަން ބުންޏެވެ.
"ޓައިގާ ޒިންދާ ހޭ"ގެ ލަވަތަކާއި ޓްރެއިލާތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ ފިލްމުގެ ފެށުން ވަރަށް ރަނގަޅުވާނެ ކަމަށް ވަރަށް ކުރިއްސުރެ ގިނަ ބަޔަކު ވަނީ ލަފާކޮށްފަ އެވެ.
މި ފިލްމުގައި ސަލްމާން ކުޅެފައިވަނީ ގިނަ ބަޔަކު އޭނާ ކުޅެން ބޭނުންވާ ކަހަލަ ވަރުގަދަ މީހެއްގެ ބައި ކަމަށް ވާތީ ސަލްމާންގެ އެތައް މިލިއަން ފޭނުންނެއް މި ފިލްމު ބަލަން ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ. ހުރިހާ އެންމެންގެ "ބާއީ" އެނބުރި އަންނާތީ އެންމެން ވެސް ތިބީ ފިލްމު ބަލާލުމުގެ މޫޑެއްގެ އެވެ.
ސުވާލަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް "ޓައިގާ ޒިންދާ ހޭ" ވެދާނެ ހެއްޔެވެ؟ މިހާރު ފިލްމަށް ލިބޭ ތަރުހީބަށް ބަލާއިރު މިއީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
މި ފިލްމު އިންޑިޔާގައި ރިލީޒްކުރާ ދުވަހު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ޕާކިސްތާނުގެ ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދީގެން އުޅޭތީ އެ ގައުމުގައި ފިލްމު އެޅުވޭނެކަމުގެ ޔަގީންކަމެއް ނެތެވެ.
އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ "ޓައިގާ ޒިންދާ ހޭ" އަކީ ކަބީރް ޚާން ޑައިރެކްޓްކުރި "އޭކް ތާ ޓައިގާ"ގެ ސީކުއަލްއެކެވެ. ފިލްމު ޕްރޮޑިއުސްކުރީ ޔާޝްރާޖް ފިލްމްސް އިންނެވެ.