"ހިޗްކީ": ރާނީގެ މޮޅު ހުނަރު ފެންނާނެ ފިލްމެއް
"ހިޗްކީ": ރާނީގެ މޮޅު ހުނަރު ފެންނާނެ ފިލްމެއް

ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރެފައި ރާނީ މުކަރުޖީ އެނބުރި އަންނަ "ހިޗްކީ" ބަލާހިތުން ވަރަށް ގިނަ ބަޔަކު އެބަ ތިއްބެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު ވަނީ ދައްކަން ފަށާފަ އެވެ.

ފިކާޖޮލް އާއި ކަރީނާ ކުޅުނު "ވީ އާ ފެމެލީ"ގެ ޑައިރެކްޓަރު ސިދާރްތު ޕީ މަލްހޯތުރާ ޑައިރެކްޓްކުރި މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޔާޝްރާޖް ފިލްމްސްގެ ބެނާގެ ދަށުން މަނީޝް މަލްހޯތުރާ އެވެ.

މި ފިލްމުގައި ދައްކަނީ ސްކޫލް ޓީޗަރަކަށް ވުމުގެ ހުވަފެން ދެކޭ މީހެކެވެ. އެކަމަކު އޭނާއަކީ އާގަންނަ އަދި އަނގަޔަށް ވައްތަރު ޖެއްސޭ ބައްޔެއް ޖެހިފައިވާ މީހެކެވެ. ވަޒީފާއެއް ދޭން އެއްވެސް މީހަކު އެއްބަސްނުވެ ގިނަ ދުވަސްތަކެއް ވުމަށް ފަހު މި ޓީޗަރަށް ސްކޫލަކުން ކިޔަވައިދިނުމުގެ ފުރުސަތު ލިބެ އެވެ. އޭނާއަށް ދާން ޖެހެނީ ވަރަށް ބަސްނާހާ ކުދިންތަކެއް ތިބި ކްލާހަކަށެވެ.

މި ފިލްމުގައި ދައްކަނީ ވަރަށް އާދައިގެ އަންހެނަކު ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތައް ގިރާކުރަން ކުރާ މަސައްކަތެވެ. އަދި އެއްވެސް ހާލެއްގައި ބަލި ގަބޫލުނުކޮށް، އޭނާގެ ސާދާ މިޒާޖުގައި ދިރިއުޅުން ކުރިޔަށް ގެންދާ ގޮތެވެ.

މި ޓީޗަރުގެ ރޯލު ކުޅެނީ ރާނީ މުކަރުޖީ އެވެ. މި ފިލްމުގައި ރާނީ ދައްކާފައިވަނީ "ބްލެކް" އަށް ފަހު އޭނާގެ އެންމެ މޮޅު ޕާފޯމަންސް ކަމަށް ފުރަތަމަ އިޝްތިހާރު ބެލި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މިއީ އެވޯޑު ލިބޭ ފަދަ މޮޅު އެކްޓިންއެއް ކަމަށް ވެސް ބެލެވެ އެވެ.

"ހިޗްކީ" އަކީ 2014 ގައި ރާނީ ކުޅުނު ޑައިރެކްޓަރު ޕްރަދީޕް ސަރްކާރްގެ ތުރިލާ ޑްރާމާ "މަރުދާނީ" އަށް ފަހު އޭނާގެ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީ 23 ގައެވެ.