21 ޑިސެމްބަރ 2017 - 11:13

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގދ. ތިނަދޫ ނުކުންނާނީ އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަންސް އީގަލްސްއާ ދެކޮޅަށެވެ.
ބައިވެރިވި ޓީމުތަކުގެ އަދަދަށް ބަލާފައި އެފްއޭއެމުން ވަނީ މި މުބާރާތުގެ ފޯމެޓް ލީގު އުސޫލަށް ބަދަލުކޮށްފަ އެވެ. ތިނަދޫ އާއި އީގަލްސްގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ކުރިން މި މުބާރާތުގައި ގްރީން ސްޓްރީޓްސް ކުޅެން ނިންމި ނަމަވެސް ފަހުން ވަނީ ނިންމުން ބަދަލުކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު އީގަލްސް އާއި ތިނަދޫ ކުޅޭއިރު ހޮނިހިރު ދުވަހު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ބައްދަލުކުރުމަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމެކެވެ.
މިދިޔަ އަހަރުގެ ރަނަރަޕް ޓީސީ މި ފަހަރު ބައިވެރިނުވީ އަންނަ މަހު އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރަށް ތައްޔާރުވާން ޖެހޭތީ އޭގެ ކުރިން ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.
މި މުބާރާތުގެ ތަށި މިލްކު ކުރުމުގެ ވިސްނުމުގައި އީގަލްސް އިން ވަނީ މިހާރު ކުރިއަށްދާ އެފްއޭ ކަޕްގައި އެ ޓީމުގެ ޔޫތު ޓީމު ބައިވެރިކޮށްފަ އެވެ. އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގައި ކުޅުނު އީގަލްސް ޓީމު އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވީ ސީޒަނުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް އަތުންނެވެ.
ތިނަދޫ ޓީމުގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ނިޔާޒް (ނިޔާ) އެވެ. ނިޔާ އަކީ މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ތިނަދޫ ޓީމުގެ ވެސް ކުޅުންތެރިޔެކެވެ.
އެފްއޭއެމުން 2011 ގައި ފެށި މުބާރާތް މެދުކެނޑުނީ 2014 ގައި ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި އީގަލްސް އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އީގަލްސް އިން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި ޓީސީ ބަލިކުރުމަށް ފަހު އެވެ.