22 ޑިސެމްބަރ 2017 - 22:00

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި އެހެން ރަށްރަށުގެ މީހުން އެރަށް ދަތުރުދިއުން މަނާކޮށް، އެރަށު ކައުންސިލުން ނެރުނު އިއުލާނަކީ ގާނޫނާ ޚިލާފު އިއުލާނެއް ކަމަށް ކަނޑައަޅައި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އިއުލާން މިއަދު ބާތިލްކޮށްފި އެވެ.
ރިނބުދޫ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުން އެހެން ރަށްރަށުން އެރަށަށް މީހުންނަށް ދަތުރު ދެވޭނީ ރިނބުދޫ މީހަކު ޒިންމާވާ ގޮތަށް އެ ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހު އެވެ. އެ ނޫން ގޮތަކަށް އެ ރަށަށް ދަތުރުދާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އިން އެ އިއުލާން މިއަދު ބާތިލްކުރީ އެ އިއުލާނަކީ ގާނޫނުއަސާސީ އާއި ލާ މަރުކަޒީ ގާނޫނާ ޚިލާފަށް ނެރެފައިވާ އިއުލާނެއް ކަމަށްވާތީ އެވެ. ރިނބުދޫ ކައުންސިލަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ވަނީ ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ދީފައިވާ އަސާސީ ހައްގެއް ކަމަށާއި އަސާސީ ހައްގުތައް ލިބިދިނުމުގައި އެއްވެސް މީހަކާ މެދު ތަފާތު ނުކުރެވޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އަސާސީ ހައްގުތައް ހަނި ކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ބުނެފައިވާއިރު، ކައުންސިލަކުން ނިންމާ ނިންމުމަކުން އެފަދަ ހައްގެއް ނުހިފެހެއްޓޭނެ ކަން އެލްޖީއޭގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެ އިއުލާން އެ ކައުންސިލުން ނެރުނީ ކައުންސިލްގެ ނިންމުމެއް ނެތި ކަމަށާއި އެއީ ވެސް ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.
"މިފަދަ ކަންކަން ނިންމާއިރު އެކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ކަށަވަރު ކުރެވިފައި ނުވާ ނަމަ ނުވަތަ ސުވާލު އުފެދޭ ކަމެއް އޮތް ނަމަ، އެކަމެއްގައި އަތޮޅު ކައުންސިލާއި މި އޮތޯރިޓީގެ ލަފާ ހޯދުމަށް ވެސް ދަންނަވަމެވެ،" އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގް މަހްމޫދު ސޮއި ކުރައްވައި، ފޮނުއްވި އެ ސިޓީގައިވެ އެވެ.
ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވާއިރު ގާނޫނުއަސާސީ ބުނާ ގޮތުން އަސާސީ ހައްގެއް ހިފެހެއްޓޭނީ ނުވަތަ ހަނި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދަތުރުފަތުރު ކުރުމުގެ ހައްގު ހިފެހެއްޓުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތަސް، ގާނޫނުއަސާސީ ބުނާ ގޮތުން އެކަން ކުރެވޭނީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާއަށެވެ.
މީގެ ކުރިން ހއ. އިހަވަންދޫ ކައުންސިލުން ވަނީ އެރަށުގައި އުޅޭ ބިދޭސީންނަށް "ކާފިއު" އެއް ހިންގައި، އިއުލާނެއް ނެރެފަ އެވެ. ބިދޭސީން ވަކި ވަގުތެއްގެ ފަހުން ގެއިން ބޭރަށް ނިކުތުމާއި ވަލަށް ދިއުމާއި ގްރޫޕް ހަދައިގެން ބޭރުގައި ތިބުން ވެސް އެ އިއުލާނުން މަނާކުރި އެވެ. އެ އިއުލާން ވެސް އޭރު އެލްޖީއޭ އިން ވަނީ ބާތިލްކޮށްފަ އެވެ.