23 މެއި 2016 - 09:25

އިޖިޕްޓް އެއާގެ މަތިންދާ ބޯޓު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުމުގައި ބުރަވެވޭ ވަކި ތިއަރީއެއް ނެތް ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެ އެވެ.

އެއާބަސް އޭ320 ގެ މަތިންދާ ބޯޓު ވެއްޓުނީ 66 މީހުންނާ އެކު ޕެރިހުން ފުރައިގެން ގާހިރާ އަށް ދަތުރުކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބޯޓުގެ ބައެއް ބައިތައް ފެނިފައިވީ ނަމަވެސް ކަޅުފޮށި އަދި ހޯދިފައެއް ނުވެ އެވެ. ބޯޓުގެ ކަޅުފޮށި ހޯދުމަށް ސަބްމެރިންނެއް ބޭނުން ކުރާނެ ކަމަށް މިސްރުން ބުނެ އެވެ.
މިސްރުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައަކަށް ވުރެ ބޮޑަށް ޓެރަރިޒަމުގެ އަމަލަކުން ކަމަށެވެ. ނަމަވެސް ސީސީ ވިދާޅުވީ ބުރަވެވޭ ވަކި ތިއަރީއެއް ނެތް ކަމަށާއި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ.
"ބޯޓު ވެއްޓުމުގައި ބުރަވެވޭނެ ވަކި ގޮތެއް މިހާރު ބުނެވޭކަށް ނެތް،" ރައީސް ސީސީ ވިދާޅުވި އެވެ.
ސީސީ ވިދާޅުވީ 3،000 މީޓަރު އަޑިއަށް ދަތުރު ކުރެވޭ ސެބްމެރިންނެއް ކަޅުފޮށި ހޯދުމަށް ކަނޑުއަޑި އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މިސްރުގެ އޭވިއޭޝަން އޮފިޝަލަކު ބުނީ ވެއްޓުނު ބޯޓުގެ އެއްވެސް މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. --އޭއެފްޕީ