އިލިއާނާ ޑިކްރޫޒް ސިއްރުން ކައިވެނި ކުރީތަ؟
އިލިއާނާ ޑިކްރޫޒް ސިއްރުން ކައިވެނި ކުރީތަ؟

ސިއްރުން ކައިވެނި ކުރުމަކީ މިހާރު ބޮލީވުޑް ތަރިންގެ ވަރަށް ބޮޑު އާދައެކެވެ. ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ ވެސް ކައިވެނި ކުރީ ސިއްރުންނެވެ. އެމީހުންގެ ކައިވެނީގެ ކަންތައްތައް އެނގުނީ ކައިވެންޏަށް ފަހު ސޯޝަލް މީޑިއާގައި އަމިއްލައަށް އިއުލާން ކުރުމުންނެވެ. ފިލްމީ ބަތަލާ އިލިއާނާ ޑިކްރޫޒް ވެސް ސިއްރުން ކައިވެނި ކޮށްފި ކަމުގެ ޚަބަރުތަކެއް މިހާރު ވަނީ ލިބެން ފަށާފަ އެވެ.

އިލިއާނާގެ އިންސްޓަގްރާމް އެކައުންޓުން އެންމެ ފަހުން ކޮށްފައިވާ މެސެޖުން ވެސް އޭނާ ކައިވެނި ކޮށްފައިވާކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ. އެ މެސެޖުގައި މިއީ މުޅި އަހަރު ތެރޭގައި ވެސް އަންނަ އޭނާއަށް އެންމެ މަގްބޫލު ދުވަސްވަރު ކަމަށާއި ފޮޓޯ ނަގާފައިވަނީ ފިރިމީހާ ކަމަށް ބުނެފައިވެ އެވެ.

އިލިއާނާ އާއި އެންޑްރޫ ނީބޯން ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެންޑްރޫ އަކީ ޕްރޮފެޝަނަލް ފޮޓޮގްރާފަރެކެވެ. އިލިއާނާގެ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތީ އެންޑްރޫ ނަގާފައިވާ ފޮޓޯތަކެވެ.

އިލިއާނާ، 30، އެންމެ ފުރަތަމަ ކުޅުނީ ސައުތު އިންޑިއާ ފިލްމެކެވެ. ބޮލީވުޑްގައި އޭނާ މަޝްހޫރުވީ ޑައިރެކްޓަރު އަނުރާގް ބާސޫގެ "ބަރްފީ" ކުޅުނު ފަހުންނެވެ. އިލިއާނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މައި ތޭރަ ހީރޯ"، "ހެޕީ އެންޑިން"، "މުބާރަކަން" އަދި ރުސްތުމް" އާއި "ބާދްޝާހޯ" ހިމެނެ އެވެ.

އޭނާ މިހާރު ކުޅެމުން އަންނަ "ރެއިޑް" އަންނަ އަހަރުގެ މާޗް މަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.