28 ޑިސެމްބަރ 2017 - 06:35

ޗައިނާ މީހަކު އޭނާގެ އަންހެނުންގެ ބޮޑުބޭބެ މަރާލުމަށްފަހު އެކަން ފޮރުވަންވެގެން މަންމަނަކަށް ހެދިގެން މުޅިން އާ ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެ މީހާ ހަމަ ހަގީގަތުގައި ވެސް މަންމަނަކަށް ވެއްޖެ އެވެ.
ޗައިނާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒެންގް ނަމަކަށް ކިޔާ މި މީހާ ޗައިނާގެ އިރުމަތީގައި އޮންނަ ޒީޖިއާންގް ޕްރޮވިންސްގައި ދިރިއުޅުނު ޒެންގް 2005 ގައި އެ ސަރަހައްދުން ފިލައިގެން ދިޔައީ އަންހެނުންގެ ބޮޑުބޭބެ މަރާލާފަ އެވެ. އެ މީހާ މަރާލީ ގޭގެ ކުއްޔަށް ދައްކަން ޖެހޭ 500 ޔުއާން (76 ޑޮލަރު)ގެ މައްސަލައެއްގައި ވީ އަރާރުމެއްގައި ކަމަށް ޒީޖިއާންގް ޑެއިލީން ހުކުރު ދުވަހު ޝާއިއުކުރި ޚަބަރެއްގައި ބުނެފައި ވެއެވެ.
އޭރު އުމުރުން 33 އަހަރުގެ ޒެންގް އެހެން ޕްރޮވިންސަކަށް ގޮސް މަންމަނަކަށް ހެދިގެން ކޮންސްޓްރަކްޝަން ސައިޓަކުން ވަޒީފާ ހޯދައިގެން އެ ތަނުގައި ދިރިއުޅެން ފެށި އެވެ. އަދި ނަން ބަދަލުކޮށް އަލުން ކައިވެންޏެއް ކޮށް ދަރިއަކު ވެސް އެ މީހާ އަށް ވަނީ ލިބިފަ އެވެ.
ނަމަވެސް ޒެންގްގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުންތައް ނެތުމުން އެ ސަރަހައްދުގެ ފުުލުހުންނަށް އޭނާއާ ދޭތެރޭ ޝައްކުވި އެވެ. އެހެންވެ އޭނާ ފުުލުހަށް ގެންގޮސް ލޭގެ ޓެސްޓެއް ހަދަން އަމުރު ކުރި އެވެ. އަދި އޭނާގެ ޑީއެންއޭ އާއި އޭގެ 12 އަހަރު ކުރިން މީހަކު މަރާފައި ފިލައިގެން އުޅޭ މީހެއްގެ މައިންބަފައިންގެ ޑީއެންއޭ އާ ދިމާވެ އޭނާ ކުރި ކަންތައް ފަޅާއެރި އެވެ.
ނަމަވެސް 12 އަހަރު ވަންދެން ވާހަކަ ނުދައްކާ ހުރުމުގެ ސަބަބުން ޒެންގް އަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އެހެންވެ ޒެންގް އޭނާގެ ކުށަށް އިއުތިރާފުވީ ލިޔުމަކުންނެވެ.
"ވާހަކަ ނުދެއްކުނަސް އަހަރެން ކޮންމެހެން މޮޔަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން،" ޒެންގް އޭނާގެ ކުށަށް އިއުތިރާފުވެ ލިޔުނު ލިޔުމުގައި ވެއެވެ.
ޒެންގްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.