ތިންފަށް ވަރި މަނާކުރާ ގާނޫނެއް އިންޑިއާގައި ފާސްކުރަނީ
ތިންފަށް ވަރި މަނާކުރާ ގާނޫނެއް އިންޑިއާގައި ފާސްކުރަނީ

ތިންފަށް ވަރި މަނާކުރާ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް އެބަދެ އެވެ.

ތިންފަށް ވަރި މަނާކުރާ ގާނޫނެއް އިންޑިއާގައި ފާސްކުރަނީ
ތިންފަށް ވަރި މަނާކުރާ ގާނޫނެއް އިންޑިއާގައި ފާސްކުރަނީ

މުސްލިމް ފިރިން އެމީހުންގެ އަނބިން ތިންފަށް ވަރިން އެއްފަހަރާ ވަރިކުރާ މައްސަލަ ބޮޑުވެފައިވާ އިރު، އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެފަދަ ވަރި މަނާކުރާ ބިލެއް ފާސްކޮށްފަ އެވެ. އެއަށް ފަހު އެ ބިލް ދެން ހުށަހަޅާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އަށެވެ. މަތި ގޭގައި ވެސް އެ ބިލް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޯޓުން ނިންމާފައިވަނީ، އިސްލާމް ދީނުގައި ވަރިކުރުމަކީ ފިރިހެނުންނަށް އޮންނަ ބާރަކަށް ވާތީ އާއި ވަރިކޮށްފީމޭ ތިން ފަހަރަށް ބުނެގެން ވެސް ވަރި ކުރެވޭނެތީ، އެފަދަ ގާނޫނެއް ފާސްކުރުމަކީ އިންޑިޔާގެ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އިންޑިޔާގެ މުސްލިން އަންހެނުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ތިންފަށް ވަރިން ވަރިކުރުމުގެ މައްސަލަ މިހާރު އާންމު ވަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވަރީގެ ސަބަބުން ގެއްލެނީ އަންހެނުންގެ ހައްގުތައް އެކަނި ނޫން ކަމަށާއި އެފަދަ ވަރީގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުން ހާލުގައި ޖެހެމުންދާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އިންޑިޔާގެ ލޯ މިނިސްތަރު ރަވީ ޝަންކަރު ޕްރަސާދު ވިދާޅުވީ ތިންފަށް ވަރީގެ މައްސަލަ ހައްލުވާނީ އެކަމަށް ގާނޫނެއް ފާސްކޮށްގެން ކަމަށެވެ. އަދި ވަރިކުރާ މީހުންގެ ދަރިންނަށް ޚަރަދު ދިނުމުގެ ކަންތައް ވެސް ހަރުދަނާ ކުރެވޭނީ ގާނޫނެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވިި އެވެ.

މިހާރު ހުށަހަޅާފައިވާ ބިލްގައިވާ ގޮތުން، ތިންފަށް ވަރިއަކުން ވަރިކޮށްފި ނަމަ، އެ ފިރިހެނަކު ތިން އަހަރުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.

ހިންދީންގެ އަޣުލަބިއްޔަތު އޮންނަ އިންޑިޔާގައި ދެ ވަނަ އަށް އެންމެ މީހުން ގިނަ ދީނަކީ އިސްލާމް ދީނެވެ. މުސްލިމުންގެ މެދުގައި ތިންފަށް ވަރީގެ މައްސަލަ އޮތީ އިންޑިޔާގައި ވަރަށް ބޮޑުވެފަ އެވެ. އަދި އިންޑިއާގެ އާދަކާދަ އޮންނަ ގޮތުން އަންހެނަކު ވަރިކޮށްފި ނަމަ، އޭނާއާ އެހެން ފިރިހެނަކު ކައިވެނިކުރުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ވެސް ބައެއް ސަރަހައްދުތަކުގައި ބަލަ އެވެ. އެހެންކަމުން ވަރިއާ ހަމައަށް ދިއުމަކީ އިންޑިޔާގެ އަންހެނުންނަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ނަމަވެސް، އޯލް އިންޑިޔާ މުސްލިމް ޕާސަނަލް ލޯ ބޯޑްގެ މެމްބަރުން ބުނާ ގޮތުގައި ތިންފަށް ވަރި މަނާކުރުމުގެ ހައްގު އިންޑިޔާ ސަރުކާރަކަށް ނޯންނާނެ އެވެ. އަދި އެއީ މުސްލިމުންގެ ޒާތީ ގުޅުންތަކުގެ ތެރެއަށް ނުފޫޒު ފޯރުވުން ކަމަށް ވެސް އެ ބޯޑުން ބުނެ އެވެ.