މަތީ ފެންވަރުގެ މަޝްވަރާ އަށް ސައުތު ކޮރެއާ އިން ދައުވަތު ދީފި
މަތީ ފެންވަރުގެ މަޝްވަރާ އަށް ސައުތު ކޮރެއާ އިން ދައުވަތު ދީފި

ސޯލް (ޖެނުއަރީ 2) - ނޯތު ކޮރެއާއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކަށް ސައުތު ކޮރެއާ އިން ދައުވަތު ހުޅުވާލައިފި އެވެ.

ސައުތު ކޮރެއާ އިން މަޝްވަރާގެ ދައުވަތު ހުޅުވާލީ އަންނަ މަހު ސައުތު ކޮރެއާގައި ބާއްވާ ވިންޓަ އޮލިމްޕިކް ގޭމްސް އަށް ނޯތު ކޮރެއާ އިން ޓީމެއް ފޮނުވަފާނެ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެފައި ވަނިކޮށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ފަރާތުން ބައްދަލު ކުރުމަށް ކިމް ވަނީ އެދިވަޑައިގެންފަ އެވެ.

ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވީ އެއީ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ސައުތު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މިއޮން-ގިއޮން ވަނީ ދެ ފަރާތުގެ މަންދޫބުން ޕަންމުންޖޮން ނުވަތަ "ސުލްހައިގެ އަވަށުގައި" ބައްދަލު ކުރުމަށް ހުށަހަޅައިފަ އެވެ. ދެ ގައުމުގެ ބޯޑަރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޒޯނުގައި އޮންނަ އަވަށުގައި މީގެ ކުރިން ވެސް ވަނީ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވައިފަ އެވެ.

"ސައުތު ކޮރެއާ އާއި ނޯތު ކޮރެއާގެ މަންދޫބުން ސީދާ ސީދާ ބައްދަލުކޮށް ގޭމްސްގައި ޕިއޮންއޮން އިން ބައިވެރިވުމާއި ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިދާނެ،" ޗޯ ވިދާޅުވި އެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވުމަށް ހުށަހެޅި މަޝްވަރާތަކާ ގުޅޭ ގޮތުން ނޯތު ކޮރެއާ އިން އަދި ޖަވާބުދީފައެއް ނުވެ އެވެ. ދެ ކޮރެއާގެ މަޝްވަރާތައް އެންމެ ފަހުން ބޭއްވީ ޑިސެމްބަރު 2015 ގަ އެވެ.