03 ޖެނުއަރީ 2018 - 12:29

އަންނަ ސީޒަނަށް ކުޅުންތެރިން ކްލަބް ބަދަލުކުރަން ފަށާފައިވާއިރު ކޯޗިންގައި އަދި ބަދަލެއް ނުފެނެ އެވެ. އެކަމަކު އިވޭ އަޑުތަކަށް ބަލާއިރު އަންނަ ސީޒަނަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކޯޗިން މަގާމްތަކަށް ބަދަލު އަންނާނެ އެވެ.

ކޯޗިން މަގާމް ބަދަލުނުވާނެ ތިން ކްލަބަކީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ. ނިއުގެ ސްޕެނިޝް ކޯޗު އޮސްކާ ބްރުޒޮންގެ ކޮންޓްރެކްޓް އާކޮށްފައިވާއިރު ޓީސީގައި އަންނަ ސީޒަނުގައި ވެސް ހުންނާނީ މުހައްމަދު ނިޒާމް (ނިޒާމްބެ) ކަން ޔަގީނެވެ. މާޒިޔާގެ ކޯޗުކަމާ މިދިޔަ ސީޒަނުގެ ފަހުކޮޅު ހަވާލުވި އިސްމާއިލް މަހަފޫޒް (އިންމަ) ގެ ކޮންޓްރެކްޓް އެ ޓީމުން އާކުރީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށެވެ.

މާލޭ ލީގުގެ އަނެއް ފަސް ކްލަބަށް ބަލާއިރު ވިކްޓަރީއާ ހަވާލުވާނެ ކަމަށް އަޑުއަރާފައިވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން ސޮބާހް މުހައްމަދު އިބްރާހީމެވެ. މިދިޔަ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އަށް މާލޭ ލީގުގެ ދެ ވަނަ ހޯދައިދީ ސޮބާ ވަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅުކުރި އެވެ. އެކަމަކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހުކޮޅު ނަތީޖާތައް ދަށްވުމުން އޭނާ މަގާމުން ވަކިކުރީ އެވެ.
ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ވަންދެއް ކުޅެ ސޮބާ ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ޓީމުން 2013 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ފަހު ވަގުތު ސަލާމަތްވިއިރު ޓީމުގެ ކެޕްޓަންކަނަށް ހުރިއިރު ސޮބާ އޭގެ ފަހުން ކޯޗިންގެ ތެރެއަށް ވަދެ 2015 ވަނަ އަހަރު ނިއު އަށް ވެސް ކޯޗުކޮށްދިނެވެ.
ކްލަބް އީގަލްސްގެ ކޯޗުކަން ގިނަ ދުވަސްތަކެއް ވަންދެއް ކުރި އިހުސާން އަބްދުލްގަނީ (ސާންތީ) އެ ކްލަބުން ވަކިވެ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ވަނީ ހަވާލުވެފަ އެވެ. އެ ޓީމުން ވެސް އާ ކޯޗެއް ހޯދަން މަސައްކަތް ފަށާފައިވާއިރު ބެލެވޭ ގޮތުގައި އެ ޓީމަށް ގެންނަނީ ސާންތީއާ އެކު ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
މިދިޔަ ސީޒަނުގައި ދ. ކުދަހުވަދޫ ޓީމަށް މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ އެ ޓީމު ގޮވައިގެން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކުރި މޯހަން ވަނީ ރަށުން ބޭރު ޓީމަކާ ހަވާލުނުވާނެ ކަމަށް ބުނެފަ އެވެ. ނިއު އަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީ އެ އަހަރު ރާއްޖެގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދާފައިވާ މޯހަން ވަނީ ކްލަބް ވެލެންސިއާ ވެސް ކޯޗުކޮށްދީފަ އެވެ.
ގްރީންސްޓްރީޓްސްގެ ކޯޗުކަމަށް ގެންނަން މަސައްކަތްކުރާ ކަމަށް އަޑުއަރާފައިވަނީ އަލީ ސުޒޭނެވެ. އެ ކްލަބުން އޭނާއާ މަޝްވަރާކުރި ކަމަށް ވެ އެވެ. މީގެ ތެރެއިން ސުޒޭން ގެންދަން އީގަލްސް އިން ވެސް މަސައްކަތްކުރި އެވެ. ވިކްޓަރީ އާއި މާޒިޔާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ސުޒޭން މިދިޔަ އަހަރު ވަނީ ވިކްޓަރީ އާއި ގދ. ތިނަދޫ އަށް ވެސް ކޯޗުކޮށްދީފަ އެވެ. ވިކްޓަރީއާ އެކު ޕްރިމިއާ ލީގަށް ކޮލިފައިނުވެ އެވެ. ފަހުން ތިނަދޫއާ ހަވާލުވެ އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދީ ޕްރެޒިޑެންޓްސް ކަޕުގައި ވެސް ވާދަކުރި އެވެ.