11 ޖުލައި 2016 - 13:25

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އެ އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު އިސްމާއިލް ރޭ އިންތިހާބުކޮށްފި އެވެ.
އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމް ހުސްވީ، އިބްރާހިމް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް މަގާމުން ވަކިވީ، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްޕޯޓްސް ކައުންސިލަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އަހުމަދު އިސްމާއިލަކީ ކުރިން ގައުމީ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅުއްވައި ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސްކަން ކުރެއްވި ފަރާތެކެވެ. އެކަމަކު ފަހުން އަހުމަދު އިސްމާއިލް ހަރަކާތްތެރިވަނީ ހޭންޑްބޯޅައިގެ ތެރޭގަ އެވެ.
ރޭ ބޭއްވި ބައި އިލެކްޝަނުގައި ވަނީ ބޯޑް މެމްބަރު މުޒުހިރާ އާދަމް މަގާމުން ވަކިވެފައިވާތީ، އެ މަގާމަށް މެމްބަރަކު ހޮވުން ބާއްވައިފަ އެވެ. އެކްސްކޯ އަށް ހޮވުނީ ނެޓްބޯޅައިގައި ކުރިން ހަރަކާތްތެރިވި މޫމިނާ އާދަމް (މޫންޓީ) އެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނީ ރައީސްގެ މަގާމަށް އަހުމަދު އިސްމާއިލް އިންތިހާބުވުމާ އެކު ނައިބް ރައީސްގެ މަގާމް ހުސްވެފައިވާ ކަމަށާއި އެހެންވެ އެ މަގާމަށް މީހަކު ހޮވުމަށް ވަރަށް އަވަހަށް ބައި އިލެކްޝަނެއް ބާއްވާނެ ކަމަށެވެ.