05 ޖެނުއަރީ 2018 - 14:59

ޅ. ހިންނަވަރުގައި ކުނި ނައްތާލުމަށް ބޭނުން ކުރާ ސާމާނުތައް ބަހައްޓާ ގުދަނެއްގައި މިއަދު ރޯކޮށްލައި ގެއްލުން ދީފި އެވެ.
ހިންނަވަރު ދެކުނު ފަރާތުގައި ކުނި ނައްތާލާ ސަރަހައްދުގައި ހަދާފައި ހުންނަ ގުދަނުގައި ރޯކޮށްލާފައިވަނީ މިއަދު ހުކުރު ނަމާދުގެ ވަގުތުގަ އެވެ. ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނުއިރު ގުދަނުގައި ހުރި ސާމާނުތައް ވަނީ އަނދައި ހުލިވެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ހިންނަވަރު ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި އެތަނުގައި ރޯކޮށްލީ "ކުޑަވަރެއްގެ ދެ ކުއްޖެކެ"ވެ.
"އެއީ އެހެން ސިޔާސަކޮށް އުޅޭ ދެކުދިން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެހެން އުޅެމުން އެ ދެކުދިން އެތަނުގައި ރޯކޮށްލީ،" ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކައިން ބަލަހައްޓާ ކުނި ކޮށީގެ އެ ގުދަނުގައި ގިނައިން ހުންނާނީ ދަޅު ފިއްތާ މެޝިން ފަދަ، ކުނި ނައްތާލުމަށް ބޭނުން ކުރާ އާލާތްތަކެވެ. އަދި މާ އަގުބޮޑު އެއްޗެހި އެތަނުގައި ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.