އެންމެ ދަތުރުވެރިޔަކަށް މުޅި ފްލައިޓް!
އެންމެ ދަތުރުވެރިޔަކަށް މުޅި ފްލައިޓް!

ފްލައިޓްތަކުގައި ވަރަށް ތަފާތު ތަޖުރިބާތައް، ދަތުރުވެރިންނަށް ކުރެވިފައި ހުންނާނެ އެވެ. ނަމަވެސް މި އަންހެންމީހާގެ ތަޖުރިބާ އާދަޔާހިލާފެވެ. އޭނާ ބުނި ގޮތުގައި ޕަސެންޖަރަކަށް ހަމައެކަނި އޭނާ އިނދެ، އެ ބޮޑު ބޯޓުގައި ކުރި ދަތުރު ވަރަށް އަރާމެވެ.

ސޯޝަލް މީޑިޔާގައި، ހަމައެކަނި ބެތުގެ ނަން ބޭނުންކޮށްގެން، އޭނާ ލިޔެފައިވާ ގޮތުގައި މުޅިން ހުހަށް އޮތް ފްލައިޓެއްގައި ދަތުރުކުރުމުގެ ފުރުސަތު ލިބުނީ ޓިކެޓް އެޖެންޓަކަށް އެރި އޮޅުމަކުން ހަމައެކަނި ކުރޫންގެ ފްލައިޓަކުން އޭނާއަށް ޖާގަ ދިނީމަ އެވެ.

ދަ އިންޑިޕެންޑެންޓްގައިވާ ހަބަރުން އެނގޭ ގޮތުގައި ނިއު ޔޯކުން ވޮޝިންޓަން، ޑީ.ސީ އަށް އޭނާ ދަތުރުކުރަން ފުރަތަމަ އޮތް ފްލައިޓް ކެންސަލްވީ އެވެ.

"އަހަރެން ދަތުރުކުރަން އަށް ގަޑިއިރަށް ވެފައި އޮއްވާ ކުއްލިއަކަށް ފްލައިޓް ކެންސަލްވީމަ އޭޖެންޓަށް އޮޅިގެން އަހަންނާއި ކެންސަލްވި ފްލައިޓުން ދަތުރުކުރަން ތިބި ދެބައިކުޅަ އެއްބައި މީހުންނަށް ކްރޫންގެ ފްލައިޓުން ޖާގަ ދެވުނީ،" އޭނާ ބުންޏެވެ.

"ނަމަވެސް މި ފްލައިޓަށް ވުރެ ކުރިން ދާ ފްލައިޓެެއް އޮތްކަން އެހެން އެޖެންޓަކަށް ފާހަގަކުރެވިގެން އެއާޕޯޓްގައި ތިބި އެހެން ދަތުރުވެރިންނަށް އެކަން އެންގި. އޭރު އަހަރެން އެއާޕޯޓުން ނުކުމެގެން، ކައިރީގައި ހުރި މަންމަގެ ގެއަށް ދާން ނައްޓާލައިފިން. އެއީ ޖާގަ ލިބުނު ފްލައިޓް ފުރަން ވަގުތުތަކެއް އޮތުމުން."

އެނބުރި އެއާޕޯޓަށް ގޮސް ބެތު އޭނާގެ ފްލައިޓަށް އިންތިޒާރުކުރަން އިނެވެ. އެކަމަކު ބޯޓު ފުރަން 45 މިނިޓަށް ވީއިރު ވެސް ވެއިޓިން އޭރިޔާގައި އޭނާ ނޫން އެހެން ފަސިންޖަރެއް ނެތެވެ.

އެންމެ ފަހުން އޭނާ ފްލައިޓަށް އެރިއިރު އޭގައި ފަސިންޖަރަކަށް އިނީ އޭނާ އެކަންޏެވެ. ދެން ބޯޓުން ދަތުރުކުރީ ދެ ޕައިލެޓުންނާއި އެންމެ ފަޅުވެރިއެކެވެ. ސަލާމަތީ ހުރިހާ އިރުޝާދުތަކެއް ފަޅުވެރިޔާ އޭނާއަށް ކިޔައިދިނެވެ.

"ވަރަށް ކުރު ފްލައިޓެއް ވީމަ އަހަރެން މާ ބޮޑެތި ޑިމާންޑްތަކެއް ނުކުރަން. ފަހަރެއްގައި ވެދާނެ އަހަރެން އެދުނު ނަމަ ޚާއްސަ ކަމެއް ވެސް ކޮށްދިނީސް ކަމަށް،" ބެތު ބުންޏެވެ.

އޭނާގެ ތަޖުރިބާ ރެޑިޓްގައި ޕޯސްޓްކުރުމުން 5،000 އަށް ވުރެ ގިނަ މީހުން ކޮމެންޓްކުރި އެވެ.

އޭގެ ތެރެއިން އެކަކު ބުނި ބެތުގެ ނަސީބު ވަރަށް ރަނގަޅެވެ.

އެހެން މީހަކު ބުނީ އޭނާ އަށް ވެސް މީގެ އަހަރުތަކެއް ކުރިން އެފަދަ ކަމެއް ދިމާވެ އެކަނި ފްލައިޓެއްގައި ދަތުރުކުރި ކަމަށެވެ. އެ ފަހަރު ބޯޓުގައި ތިބި ފަޅުވެރިން އޭނާއަށް ވަރަށް ކަމޭހިތި ކަމަށާއި ފަސްޓް ކްލާހުގައި އިނުމުގެ ހުއްދަ ދިނުމުގެ އިތުރުން ވަރަށް މީރުކޮށް ކާން ވެސް ދިން ކަމަށް ބުންޏެވެ.

ކޮމެންޓްކުރި އެ މީހާ ބުނި ގޮތުގައި ބޯޓުގެ ފަޅުވެރިން އޭނާއާ މެދު ދުށީ އެއީ ބޯޓުގައި ކަންތައްތައް ކުރާ ގޮތް ބަލަން އަރުވާފައި އިން އެޖެންޓެއްގެ ގޮތުގަ އެވެ.