09 ޖެނުއަރީ 2018 - 11:12

އަރަބިއްޔާ ސްކޫލްގެ އައު ޕްރިންސިޕަލަކަށް މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު، 44، ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ ސައެންސް އެންޑް އެޑިޔުކޭޝަންގެ ރޮނގުން ގަތަރު ޔުނިވަސިޓީންނެވެ. އޭގެ ފަހުން އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ދާއިރާ އިން އޭނާ ވަނީ މެލޭޝިޔާގެ ޔުނިވާސިޓީ ސެއިންސް އިން މާސްޓާ ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
ބ. ދަރަވަންދު އަށް އުފަން ޝުޖާއު، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސެވި އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި އެޑިޔުކޭޝަންގެ ރޮނގުން ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވަމުންނެވެ.
އަރަބިއްޔާއާ ގުޅިވަޑައިގަތުމުގެ ކުރިން، 2003 ވަނަ އަހަރުން ފެށިގެން އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އޭރުގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް (މިހާރުގެ އިސްލާމިކް ޔުނިވާސިޓީ)ގަ އެވެ.
އަރަބިއްޔާ ސްކޫލްގެ އާ ޕްރިންސިޕަލަކަށް ޝުޖާއު ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި ނަސްރުﷲ މުސްތަފާ އިސްތިއުފާ ދެއްވުމުންނެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ނަސްރުﷲ އިސްތިއުފާ ދެއްވީ، އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން ކަމަށް ވެ އެވެ.
މިދިޔަ ނޮވެމްބަރު 28 ގައި ނަސްރުﷲ ހައްޔަރުކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.