09 ޖެނުއަރީ 2018 - 14:35

ސްރީ ލަންކަން އެއާލައިންސްއިން ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ފިއުލް ސާޗާޖުގެ ގޮތުގައި އިތުރު ހަތަރު ޑޮލަރު (61.68ރ) ކޮންމެ ކޮޅަކަށް ނަގަން ނިންމައިފި އެވެ.
ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއާލައިންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެ އެއާލައިނުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން ފިއުލް ސާޗާޖުގެ ގޮތުގައި ދެކޮޅަށް ނުވަ ޑޮލަރު (138.87ރ) ނަގަން ނިންމާފައިވާ ކަމަށެވެ. ސްރީލަންކަންއިން މިހާރު ވެސް ފިއުލް ސާޗާޖުގެ ގޮތުގައި ފަސް ޑޮލަރު ނަގަ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ފިއުލް ސާޗާޖު ބޮޑުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެނެއް ނޫނެވެ. އެހެންވެ ސާޗާޖު ބޮޑުކުރި ސަބަބެއް އަދިއެއް ނޭނގެ އެވެ.
ސްރީލަންކަން އިން މިހާރު ދުވާލަކު ހަތަރު ފްލައިޓް މާލެ އާއި ކޮލަމްބޯއާ ދެމެދު ކުރެ އެވެ. އޭގެ އިތުރުން ސ. ގަމާއި ކޮލަމްބޯއާ ދެމެދު ވެސް ކޮންމެ ދުވަހަކު ދަތުރުކުރެ އެވެ.