09 ޖެނުއަރީ 2018 - 22:41

އެމްޑީޕީން ސިޔާސީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމި ނަމަވެސް، ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ނުލިބޭ "ފޯމިއުލާ" އެއް އެމަނިކުފާނު ގަބޫލު ނުކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެމްޑީޕީން ކޯލިޝަން ހެދިޔަސް. އެމްއޯޔޫ ހެދިޔަސް. އިއްތިހާދު ހެދިޔަސް." ނަޝީދަށް ވެރިކަން ނުލިބޭ ގޮތެއް ނަޝީދު ގަބޫލު ނުކުރައްވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓު ނެރުމަށް މަޝްވަރާ ކުރަމުން އަންނަ އިރު އެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ނެރެން ބޭނުންވަނީ ނަޝީދެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބަލުމުގެ ދަށުން ގާނޫނާ ޚިލާފަށް ގިރިފުށީގައި ހައްޔަރު ކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމާ ގުޅިގެން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ވަނީ ގެއްލިފަ އެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ އިންތިޚާބު ބާއްވަންވާ އިރަށް ނަޝީދަށް ކެންޑިޑޭސީ ކަށަވަރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ނަޝީދު ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީ އަށް އެބައޮތް ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ ކުރުމަށް ކޮމެޓީއެއް އެކުލަވާލައި އެ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ. ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓު ނުނެރެވިއްޖެ ނަމަ، ކޮންމެ ޕާޓީއަކުން ވަކިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ޕާޓީތަކުން ބުނެ އެވެ.