12 ޖެނުއަރީ 2018 - 05:17

ސަންޖޭ ލީލާ ބާންސާލީ އުފެއްދި މައްސަލަތަކުން ފުރިފައިވާ "ޕަދްމާވަތު" ފާސްކޮށްދިނީ 300 ތަނެއް ކަނޑާލައިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް ސެންސަރު ބޯޑުގެ ޗީފް ޕްރަސޫން ޖޯޝީ ބުނެފި އެވެ.
"އަހަރެމެން އެދިފައިވަނީ ފަސް ތަނެއް މޮޑިފައިކުރަން. ފިލްމު ތައްޔާރުކުރި މީހުން އެގޮތަށް މޮޑިފައިކޮށްފައި ހުށަހެޅުމުން ފިލްމަށް ޔޫ/އޭ ސެޓްފިކެޓް ދީ ފާސް ކޮށްދިނީ،" ޗެއާމަން ބުންޏެވެ.
ޕްރަސޫން ބުނީ ސެންސަރު ބޯޑުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އިތުރަށް މަންޒަރުތައް ކަނޑަން ޖެހުނު ކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ދޮގު ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ޕަދްމާވަތު"ގެ އެޑިޓްކުރަންވީ ތަންތަން ކިޔައިދޭން ގިނައިރުތަކެއް ވަންދެން ބާންސާލީ ރާޖްކަމަލް ސްޓޫޑިއޯގައި ހުންނަން ޖެހުނެވެ. އަދި ފިލްމުގައި ދިއްލީ، ޗިއްޓޯރްގަރް އަދި މޭވަރް އާ ބެހޭ ގޮތުން ހުރި ހުރިހާ ރިފަރެންސްތަކެއް ފޮހެލަން އެންގިކަމަށްވެ އެވެ. އެންމެ ފަސް ތަނެއް މޮޑިފައި ކުރަން އަންގާފައި މޮޑިފައިކުރި ތަންތަން ހަމަޖައްސަން 300 އަށް ވުރެ ގިނަ މަންޒަރު ބާންސާލީ އަށް ކަނޑާލަން ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް މުހިއްމު ކެރެކްޓާތައް ކުޅެފައިވާ މި ފިލްމު މި މަހު 25 ގައި ރިލީޒްކުރާނެ އެވެ.
މި ފިލްމު އިންޑިއާގެ އެކި ހިސާބުތަކުގައި ވަނީ މަނާކޮށްފަ އެވެ. ފިލްމާ ދެކޮޅުހަދާ މީހުން ބުނަނީ ފިލްމުގައި ދައްކަނީ ހިންދީންގެ ރާނީއެއްގެ ވާހަކަ ކަމަށެވެ. ފިލްމުގައި ރާނީ ސިފަކޮށްފައިވާ ގޮތާ މެދު އެ މީހުން ހިތްހަމައެއް ނުޖެހެ އެވެ.