12 ޖުލައި 2016 - 09:43

ލަންޑަން (ޖުލައި 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ ފޯވާޑް ލައިން ބެލެހެއްޓި ގްރަޒިއާނޯ ޕެއްލޭ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި ޗައިނީސް ސުޕަ ލީގުގެ ޝަންޑޮން ލުނެން އަށް ސޮއިކޮށްފި އެވެ.
ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އިން އޭނާ ޗައިނާގެ ކްލަބަށް ވިއްކާލީ 15 މިލިއަން ޔޫރޯ އަށެވެ. ޔޫރޯގައި ދެއްކި ކުޅުމާ އެކު އޭނާ ގެންދަން ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބްތައް ވެސް އޮތީ ތައްޔާރަށެވެ. އެކަމަކު އުމުރުން 30 އަހަރުގެ ފޯވާޑް އިހުތިޔާރުކުރީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެކެވެ.
ޝަންޑޮންއާ އެކު އޭނާ ހެދި ދެ އަހަރާއި ބައިގެ ކޮންޓްރެކްޓާ އެކު 38 މިލިއަން ޔޫރޯ ލިބޭނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 12 މިލިއަން ޔޫރޯ އެވެ. މިއީ ބާސެލޯނާގެ ނޭމާ އާއި ލުއިސް ސުއަރޭޒް އަދި ރެއާލް މެޑްރިޑުގެ ގަރެތު ބޭލް ފަދަ ކުޅުންތެރިންނަށް ވެސް ލިބޭ ވަރުގެ މުސާރައެކެވެ.
ޗައިނާ އިން ދުނިޔޭގެ ފުޓްބޯޅަ މާކެޓަށް ވަދެފައިވާއިރު އެ ގައުމުގެ ކްލަބްތަކުން ވަނީ އާޖެންޓީނާގެ އެޒެކިއުލް ލަވޭޒީ އާއި ކޮލަމްބިއާގެ ޖެކްސަން މާޓިނޭޒާއި ބްރެޒިލްގެ އެލެކްސް ޓަކްޒެއިރާ ފަދަ ކުޅުންތެރިން ގެންގޮސްފަ އެވެ. އޭގެ ކުރިން އައިވަރީ ކޯސްޓުގެ ޑިޑިއާ ޑްރޮގްބާ އާއި ފްރާންސުގެ ނިކޮލަސް އަނެލްކާ ފަދަ ކުޅުންތެރިން ވެސް ވަނީ ޗައިނާ ލީގުގައި ކުޅެފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ކުންފުނިތަކުން ވަނީ އިޓަލީގެ އިންޓަ މިލާނުގެ އިތުރުން އޭސީ މިލާނުގެ ހިއްސާ ގަނެފަ އެވެ.
ނެދަލެންޑްސްގެ ފެޔަނޫޑުން 2014 ވަނަ އަހަރު ސައުތުހެމްޓަންއާ ގުޅުނު ޕެއްލޭ ވަނީ އެ ކްލަބަށް 81 މެޗުން 30 ގޯލް ޖަހައިފަ އެވެ. ފުލަމްގެ ކުރީގެ ކޯޗު ފެލިކްސް މަގާތު ކޯޗުކޮށްދޭ ޝަންޑޮންގައި ޕެއްލޭއާ އެކު ފޯވާޑަކަށް ކުޅޭނީ ނިއުކާސަލް ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ޕަޕިސް ސީސޭ އެވެ.
ސައުތުހެމްޓަންގެ ވިކްޓަ ވަންޔަމާ ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅިފައިވާއިރު ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ބަދަލުވެފަ އެވެ. އެ ޓީމުން ވަނީ ބަޔާން މިއުނިކުގެ ޕިއެރޭ-އެމީލް ހޯބާގް ގެނެސްފަ އެވެ.