13 ޖެނުއަރީ 2018 - 20:17

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ވަފުދު މިއަދު މަޝްވަރާކޮށްފި އެވެ.
އެ ބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާއި ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއްގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އީޔޫގެ އެމްބެސެޑަރާއި ޓީމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އައިސްއުޅޭ ޔޫރަޕިއަން ޔުނިއަންގެ ވަފުދުން ވަނީ މައުމޫންގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ހޯމް މިނިސްޓަރާއި އެޓާނީ ޖެނެރަލްއާ ވެސް ބައްދަލުކޮށްފަ އެވެ.
އީޔޫ ޕާލަމެންޓްރީ ގްރޫޕުގެ އިސް ވަފުދެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ރާއްޖެ އައިސްފައިވެ އެވެ. އެ ވަފުދު އޭރު ރާއްޖެ އައިއިރު ފްރާންސްގެ ސްޓްރަސްބާގްގައި އޮކްޓޯބަރު ފަސް ވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ރާއްޖޭގެ ކަންކަން ހިންގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.