14 ޖެނުއަރީ 2018 - 12:04

ވޮޝިންޓަން (ޖެނުއަރީ 14) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
ޑރ. ރޮނީ ޖެކްސަން ވަނީ އުމުރުން 71 އަހަރުގެ ޓްރަމްޕުގެ މެޑިކަލް އެގްޒަމިނޭޝަނެއް ހުކުރު ދުވަހު ހައްދަވައިފަ އެވެ. ތިން ގަޑިއިރުގެ އެގްޒަމިނޭޝަން ކުރިއަށް ގެންދިޔައީ އަސްކަރީ ޑޮކްޓަރުންނެވެ. ޓެސްޓްތައް ހަދާފައި ވަނީ މެރީލޭންޑުގެ ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުގަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ހެއްދެވި ފުރަތަމަ މެޑިކަލް ޗެކަޕެވެ.
ޓްރަމްޕާ ބެހޭ ގޮތުން ދާދި ފަހުން ނެރުނު ފޮތުގައި ވަނީ އެމަނިކުފާނުގެ ސިކުނޑީގެ މައްސަލައެއް ހުންނަ ކަމަށް ތުހުމަތުކޮށްފަ އެވެ. އެންމެ ފަހުގެ ޓެސްޓްތަކުގައި ޓްރަމްޕުގެ ސައިކޭޓްރިކް ޓެސްޓްތައް ހަދައިފައެއް ނުވެ އެވެ. ޑރ. ޖެކްސަން ވިދާޅުވީ ޓްރަމްޕުގެ މެޑިކަލް ޓެސްޓްތަކުގެ ތަފްސީލް އަންގާރަ ދުވަހު ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޑިސެމްބަރު 2015 ގައި ވެސް ވަނީ ޓްރަމްޕުގެ ޚާއްސަ ޑޮކްޓަރު ހެރޯލްޑް ބޯންސްޓެއިންގެ ބެލުމުގެ ދަށުން މެޑިކަލް ޓެސްޓްތައް ހައްދަވައިފަ އެވެ. އޭރު ބޯންސްޓެއިން ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކުރެވޭ އެންމެ ރަނގަޅު ސިއްހަތެއްގައި ހުންނެވި ރައީސް އަށް ޓްރަމްޕް ވާނެ ކަމަށެވެ.