15 ޖެނުއަރީ 2018 - 12:15

ޓްރެޕްޒޮން (ޖެނުއަރީ 15) - ތުރުކީގެ އެއާޕޯޓަކަށް ޖެއްސި މަތިންދާ ބޯޓެއް ރަންވޭ އިން ކައްސާލައިގެން މޫދަށް ނުވެއްޓުނީ ކިރިޔާ އެވެ.
ޕެގަސުސް އެއާލައިންގެ ބޯއިން 737-800 ގެ ބޯޓު 168 ޕަސިންޖަރުންނާ އެކު އަންކަރާ އިން ޓްރެބްޒޮން އެއާޕޯޓަށް ޖެއްސުމާ އެކު ރަންވޭގެ އެއް އަރިމަތިން ބޯޓު ކަހާލައިގެން ގޮސް ކަޅު ކަނޑަށް ނުވެއްޓި އޮތީ ކިރިޔާ އެވެ. ނަމަވެސް ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތުން ބާލައިފަ އެވެ. ޕްރޮވިންސްގެ ގަވަރްނަރު ޔޫސެލް ޔަވޫޒް ވިދާޅުވީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އޮފިޝަލުން މިހާރު ދަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ. ރަސްމީ ނޫސް އެޖެންސީ އަނަދޮލޫ އިން ބުނީ މަތިންދާ ބޯޓު ކޮންޓްރޯލުން ނެއްޓުމާ އެކު ބޯޓުގައި ތިބި ޕަސިންޖަރުންގެ މެދުގައި ބިރުވެރިކަން އުފެދުނު ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު މޫދާ ދިމާލަށް ވެއްޓިފައިވާ އިރު ފެނުގައި ނުޖެހި އޮތީ ކިރިޔާ އެވެ.
"ބޯޓުގެ ކުރީކޮޅު ތިރިއަށް ވެއްޓިފައިވާ އިރު ފަހަތް ކޮޅު އޮތީ މައްޗަށް. ބޯޓުތެރޭގައި އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައި. ހަޅޭކުގެ އަޑު ދިޔައީ އިވެމުން،" ޕަސިންޖަރެއް ކަމަށްވާ ފާތުމާ ގޯދޫ ބުންޏެވެ.