16 ޖެނުއަރީ 2018 - 12:57

އޭއެފްސީ ކަޕުގެ ޕްރިލިމަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އެ ޓީމުގެ މައްޗަށް ކުރި ހޯދައި އަނެއް ބުރަށް ދެވޭނެ ކަމުގެ އިތުބާރު ވަރަށް ބޮޑު ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ފުރަތަމަ ލެގު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ބަންގްލަދޭޝްގަ އެވެ. ދެ ވަނަ ލެގު މާލޭގައި އޮންނާނީ މި މަހުގެ 30 ގަ އެވެ. ދެ ލެގުން ކުރި ލިބިއްޖެ ނަމަ ޓީސީ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. އެ ބުރުގައި ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓްސް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެ ކުރި ހޯދާ ޓީމަކާ އެވެ. އަދި ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ ގްރޫޕް ސްޓޭޖަށް ހޮވޭނެ އެވެ.
މިދިޔަ ސީޒަން ނިންމާލުމަށް ފަހު ޓީސީން ކުޑަ ބްރޭކަކަށް ފަހު ޕްރެކްޓިސް ފަށާފައިވާއިރު ނިޒާމްބެ ބުނީ ވަގުތު ކުޑަވުމުން އެންމެ ރަނގަޅަށް ޕްރީ ސީޒަނެއް ނެހެދޭ ކަމަށެވެ.
"ސީޒަން ނިންމުމަށް ފަހު ލިބުނު ބްރޭކް ވެސް ކުޑަ. މެޗާ ދޭތެރޭ ލިބުނު ވަގުތު ވެސް ކުޑަ. ޕްރީ ސީޒަނަކީ ހަ ހަފުތާ އާއި އަށް ހަފުތާގެ މުއްދަތެއް. އެހެންވެ އެންމެ ރަނގަޅަށް ޕްރީ ސީޒަން ނެހެދޭ. އެކަމަކު ކޮންމެވެސް ވަރަކަށް މެއިންޓެނެންސްކޮށްގެން މެޗާ ދިމާލަށް މިދަނީ،" ނިޒާމްބެ ބުންޏެވެ.
ޓީސީގެ މުހިއްމު ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ. ބަދަލުގައި ގެނައީ ށ. މިލަންދޫގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ގެނެސްފަ އެވެ. މީގެ އިތުރުން އެ ޓީމުން ވަނީ އާ ބިދޭސީ ތިން ކުޅުންތެރިން ވެސް ގެންނަން ނިންމައިފަ އެވެ. ދެން ހުންނާނީ މިދިޔަ ސީޒަނުގައި ވެސް ކުޅުނު މިސްރު ޑިފެންޑަރު އަލާ ނާސިރެވެ.
ނިޒާމްބެ ބުނީ ޓީސީގައި މިދިޔަ އަހަރު ވެސް އޮތް ސްކޮޑް ގާތްގަނޑަކަށް އެބައޮތް ކަމަށާއި އުނިވީ މަދު ކުޅުންތެރިޔެއް ކަމަށެވެ. އަދި ބަދަލުގައި ކުޅުންތެރިން ހޯދާފައިވާކަން ނިޒާމްބެ ފާހަގަކުރި އެވެ.
"އަޅުގަނޑު ޓީސީގައި މި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި (ސީޒަނަށް) ނުކުތީ މާ ބޮޑު ސްކޮޑަކާ އެކު އެއް ނޫން. ހަމަ މިދިޔަ އަހަރު ވެސް އޮތް ވަރުގެ ސްކޮޑެއް ގާތްގަނޑަކަށް އެބައޮތް މި ފަހަރު. މި ފަހަރުގެ ސްކޮޑާ މެދު ހިތްހަމަޖެހޭ،" ނިޒާމްބެ ބުންޏެވެ.
ޕްރިލިމިނަރީ ބުރުގައި ޓީސީން ބަންގްލަދޭޝް ޓީމަކާ ވާދަކުރާއިރު ޓީށީ އަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަނެވެ. ނިޒާމްބެ ބުނީ އެ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއްގައި ސައިފް ސްޕޯޓިންގައި ހިމަނާފައިވާ ކަމަށެވެ.
"އެކަމަކު ޓީސީ އަށް މިހާރު މާބޮޑަށް ބަންގްލަދޭޝް ފުޓްބޯޅަ އަލެއް ނުވާނެ. ތަފާތަކަށްވާނީ ދެ ސިޓީއެއްގައި ކުޅެން ޖެހުނު. އަނެއްކާ ވެދާ ކޮންޑިޝަން ފިނިވީމާ އުނދަގޫތަކެއް ހުންނާނެ. އެކަމަކު ކޮންފިޑެންޑްސް އެބައޮތް. ވަރަށް މަސައްކަތްކުރާނަން. ގްރޫޕް ސްޓޭޖަށް ދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ބައިނަލްއަގްވަމީ މުބާރާތެއްގައި ރާއްޖޭގެ ކޮންމެ ޓީމެއް ވާދަކުރިޔަސް އެ ޓީމަކަށް ރަނގަޅު ކާމިޔާބަށް އެދޭނެ ކަމަށާއި ސަބަބަކީ އޭގެ ސަބަބުން ފައިދާކުރާނީ ދިވެހި ފުޓްބޯޅައަށް ކަމަށްވާތީ އެވެ.
"އުއްމީދުކުރަން ނިއު ރޭޑިއަންޓަށް ވެސް ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް،" ނިޒާމްބެ ބުންޏެވެ.
ގްރޫޕް ސްޓޭޖަށް ޓީސީ ހޮވިއްޖެ ނަމަ ވާދަކުރަން ޖެހޭނީ ނިއުއާ އެއް ގްރޫޕެއްގަ އެވެ.