17 ޖެނުއަރީ 2018 - 12:57

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މި ވަގުތު ތިން އެމްބިއުލާންސް އޮތް ނަމަވެސް، އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިކަން ބޮޑު ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިނިއުޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް "މިހާރު" އަށް ވިދާޅުވީ، އެމްބިއުލާންސްގެ ދަތިކަން ހުރުމާ އެކު، އެކަން ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
"ނަމަވެސް މި ވަގުތު ބޮޑަށް ފޯކަސް ހުރީ އަލަށް ހަދަމުން އަންނަ ހޮސްޕިޓަލަށް ކަމަށްވާތީ، މިނިސްޓްރީން ނިންމާފައި އޮތީ އެ ތަން ނިމިގެން އަންނަ އިރު، ވަރުގަދަ ޓްރާންސްޕޯޓް ނެޓްވާކަކާ އެކު އެމްބިއުލާންސްގެ ހިދުމަތް ފަށަން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އެ މަޝްރޫއު ނިމިގެން އަންނަ އިރު، އެމްބިއުލާންސްގެ ދަތިކަން އެއްކޮށް ހައްލުވެގެން ދާނެ ކަމަށް."
ނަޖީބް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގެ ތިން އެމްބިއުލަންސަށް މި ހަފުތާގެ ތެރޭގައި މައްސަލަތަކެއް ދިމާވެގެން ނުދުއްވާ ބާއްވަން ޖެހުމުން ވެސް ދިމާވި ގޮންޖެހުންތައް ބޮޑު ކަމަށެވެ. މި މައްސަލައިގައި ބައެއް މީހުން ދަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.
"އެއް ފަހަރާ ތިނެތި މަރާމާތު ކުރަން ޖެހުނީމަ ވަަރަށް ބޮޑު ދަތި ކަމަކަށްވީ. އަޅުގަނޑުމެން ގަބޫލު ކުރަން މި ކަހަލަ މައްސަލަތަކާ ހެދި އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ދިނުމުގައި ވެސް ލަސްތަކެއް އުޅެދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ތިން އެންބިއުލާންސް އެއް ފަހަރާ މަރާމާތު ކުރަން ޖެހުމުން، ހޮސްޕިޓަލުން ވަގުތީ ގޮތުން މިހާރު ބޭނުން ކުރަނީ ފޭދޫ ސިއްހީ މަރުކަޒުގައި އޮންނަ ޕެރަމެޑިކް އެމްބިއުލާންސެވެ.
"ޕެރަމެޑިކް އެމްބިއުލާންސާ އެކު، މިހާރު އަޅުގަނޑުމެންގެ އެމްބިއުލާންސެއް ހިދުމަތް ދިނުމުގައި ބޭނުންކުރަން. އަދި ލަފާ ކުރެވެނީ މިހާރު މަރާމާތު ކުރަމުން އަންނަ ދޭތީގެ ތެރެއިން އެކަތި މިއަދު ނެރެވި އަނެއް އެމްބިއުލާންސް ވެސް މާދަމާ މަރާމާތުކޮށް ނިމި އަލުން ބޭނުން ކުރަން ފެށޭނެ ކަމަށް،" ނަޖީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ ތިން އެމްބިއުލާންސްގެ ތެރެއިން އެކައްޗަކީ ތަންކޮޅެއް ބާ އެއްޗަކަށްވާތީ އާންމުކޮށް ބޭނުން ކުރަނީ ވެސް ދޭއްޗެވެ.
"އައްޑޫގައި ދަތުރު ކުރަން މި އޮންނަ ސަރަހައްދު ވެސް ފުދޭ ވަރަކަށް ބޮޑު. އުޅަނދުތަކަށް ޖެހޭ މައްސަލަތައް ވެސް ގިނަ. އަނެއްކާ މަރާމާތު ކުރަން ޖެހޭ ހާލަތްތަކުގައި މިކޮޅުން ސްޕެއާ ނުލިބުމަކީ ވެސް ވަގުތު ވެސް ނަގާ ކަމެއް،" ނަޖީބް ވިދާޅުވި އެވެ. "އެހެންވީމާ މިކަހަލަ މައްސަލަތައް އެބަހުރި. އެ ކަންކަމާ އެކު ވެސް، އަޅުގަނޑުމެން މަސައްކަތް ކުރަނީ ވީހާ ވެސް ރަނގަޅަށް ހިދުމަތް ދެވޭތޯ."