18 ޖެނުއަރީ 2018 - 14:06

ހޮސްޕިޓަލެއްގައި ހުރި، އައިވީ ސްޓޭންޑެއްގެ މަތީގައި މީދާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ފޮޓޯ ސިފަކޮށްދޭން ބުނެފައި ވަނީ އެއީ، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ކަމަށެވެ.
އެކަކު ކޮމެންޓްކުރީ މިހެންނެވެ؛
"ޑިއުޓީގައި ހުރި ސުޕަ ސުޕެޝަލިސްޓު ޑޮކްޓަރު އައިވީފުޅި ޗެކްކުރަނީ" ތޯ އެވެ.
އެއާއެކު ފުލުފުލުގައި އައި ކޮމެންޓުތަކުގައި، އެތައް ބަޔެއްގެ ރުޅިގަނޑު ބާލާފައިވެ އެވެ. ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެ ހޮސްޕިޓަލުގެ ހާލަތަކީ އެއީތޯ އަހައި، އެއް ބަޔަކު ކަންބޮޑުވުން ފާޅުކުރީ އެވެ. އެއީ ހޮސްޕިޓަލް ހިންގަން ހަވާލުކުރި ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި) އިން ފޮނުވި ޑޮކްޓަރެއްތޯ ވެސް ޖެއްސުމަށް އެއް ބަޔަކު ސުވާލުކޮށްފައިވެ އެވެ.
އެ ފޮޓޯ އިން ފެންނަނީ، ކުޅުދުއްފުށީ ހޮސްޕިޓަލުގެ ވޯޑެއް ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު މީދާ ފެންނަ އެ ފޮޓޯއަކީ އަސްލު ނުވަތަ ހަދާފައި އޮތް ފޮޓޯއެއް ކަން ޔަގީނެއް ނޫނެވެ.
މި ފޮޓޯއަށް ފާޑުކިޔައި ނުނިމި އުޅެނިކޮށް، ދެން އާއްމުވީ މީދަލެއް ވަރަށް ހަމަޖެހިލައިގެން އޮވެ ބަރަބޮލެއް ކާތަން ފެންނަ ފޮޓޯތަކަކާއި ވީޑިއޯ އެކެވެ. މިފަހަރު އަދި މާ ގޯހެވެ.
ފޮޓޯގްރާފަރު، އަލީ ނިޝާން (މިލްޒީރޯ) ރޭ އާއްމުކުރި ވީޑިއޯ އިން ފެންނަނީ މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގެ ތެރޭގައި، މީދަލެއް ބަރަބޯފަޅިއެއް ކާން އޮތް މަންޒަރެވެ. އެކި ވައްތަރުގެ، މޭވާ އާއި ތަރުކާރީ ބަހައްޓާފައި ހުރި އެ ގޮޅި ތެރޭގައި އޮތް ބަރަބޯފަޅިއާ ހިސާބަށް މީދަލަށް ދެވޭނީ އެތަނުގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީތަކާއި މޭވާތަކުގެ މަތިން ގޮހެވެ.
މާރުކޭޓުގެ ކާރުބާރުބޮޑު ވަގުތެއްގައި އެ ވީޑިއޯކޮށްފައިވާއިރު، އެ ގޮޅިން އޭރު ވެސް ދިޔައީ އެއްޗެއްހި ވިއްކަމުންނެވެ. ތަރުކާރީތަކުގެ ތެރޭގައި އޮވެ، ބަރަބޯފަޅިކަމުން، މީދާ ގޮވާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
އެއް ބަޔަކު ބުނިގޮތުގައި، އެއީ މާރުކޭޓުގެ ގޮޅިތަކުގެ މުޑުދާރުކަން އަންގައިދޭ ކުޑަ މިންވަރެކެވެ. ކާބޯތަކެތި ވިއްކާ އެތަނަކީ ބައެއް މީހުން ސިފަކުރި ގޮތުގައި، "މީދާ ހާއްޔެކެ"ވެ. އެތަނުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ސާފުތާހިރުކަން ވަަރަށް ދަށް ކަމަށް އެ މީހުން ބުނެ އެވެ.
އެ ވާހަކަ އަށް ބާރު ލިބެނީ، މާރުކޭޓުގައި ވިއްކަން ހުންނަ ތަރުކާރީ އާއި މޭވާ ނުތާހިރު ފެނުން ދޮންނަ ވީޑިއޯއެއް މީގެ ދުވަސްކޮޅެއް ކުރިން އާއްމުވެފައިވާތީ އެވެ.
ތެދެކެވެ؛ ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ނެތް މިންވަރު، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށް އެކަނި ވެސް ސާފެވެ. އާއްމުވި ދެ ފޮޓޯއާ މެދު އެތައް ބަޔަކު ފާޑުކިޔަން ޖެހުނީ މިހެންވެ އެވެ. ދެން އޮތީ، ކަމާބެހޭ ފަރާތްތަކުގެ ޒިންމާ އެވެ. މި ޒަމާނުގައި ފާޑުނުކިޔާ ކަމެއް އޮންނާނެހޭ ބުނެ ނިންމާލާނީ ހެއްޔެވެ؟