20 ޖެނުއަރީ 2018 - 20:02

މި ސީޒަނުގައި ވެސް މާޒިޔާގައި މަޑުކުރަން ނިންމައި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އަނިޔާ އިން ފިޓްވުމަށްޓަކައި އެ ކްލަބާ އެކު މިއަދު ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.
އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ އޮގަސްޓް މަހު 19 ވަނަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. އަސަދުﷲގެ ވާތު ކަކުލުގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
އާ ސީޒަނަށް މާޒިޔާގެ ފަރިތަކުރުންތައް މިއަދު ފެށިއިރު އަސަދުﷲ ވެސް ވަނީ ބައިވެރިވެފަ އެވެ. އަސަދުﷲ "މިހާރަ"ށް ބުނީ މި ވަގުތު ބައިވެރިވަނީ ސީދާ ޓީމުގެ ޕްރެކްޓިހުގައި ނޫން ކަމަށެވެ.
"ސީދާ ޕްރެކްޓިހެއް ނޫން. ޖޮގްކޮށްލަން ނުކުތީ. އަދިވެސް ރިހެބިލިޓޭޝަން ކުރިއަށްދަނީ. ފިޓްވުމަށް މި ދަނީ މަސައްކަތް ކުރަމުން،" ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އެޅި އަސަދުﷲ ބުންޏެވެ.
އޭވައިއެލް އިން ވިދާލި ފޯވާޑް ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުންނެވެ.
މިދިޔަ ސީޒަނުގައި އަސަދުﷲ އަށް އަނިޔާވުމުން މާޒިޔާ އެޓޭކުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ. އަދި އަސަދުﷲ ނެތްތަން ފޫބެއްދުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭރު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވެސް ވަނީ ބުނެފަ އެވެ. އަދި ފަހުން މާޒިޔާއާ ހަވާލުވި ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)ވެސް ވަނީ އަސަދުﷲ ނެތުމަކީ ޓީމަށް އޮތް ގެއްލުމެއް ކަމަށް ބުނެފަ އެވެ.
މާޒިޔާ އިން ވަނީ އަންނަ ސީޒަނަށް ޓީސީ ސްޕޯޓްސް ކްލަބުގެ އެޓޭކިން މިޑްފީލްޑަރު ނާއިޒް ހަސަން (ދާދު) އާއި ގްރީން ސްޓްރީޓްސްގެ އުއްމީދީ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް އަދި ވެލެންސިއާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ގެނެސްފަ އެވެ. އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފާރޫގު އިސްމާއިލާއި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ތިމަރަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި އާދަމް ނާސިހުގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާގެ ޒުވާން ޓީމަށް މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޖުނައިދު ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.
މީގެ އިތުރުން އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، ޔަސްފާދު ހަބީބު (މުލަކޭ)، ގާސިމް ސައްމާމު (ސައްމެ)، ހަސަން ޝިފާޒް (ޑުންގާ)، އިސްމާއިލް އީސަ އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.
މާޒިޔާ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއު ރޭޑިއަންޓަށް ބަދަލުވި މުހައްމަދު އުމެއިރެވެ.