އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ
އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަށް އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރާއި މިރޭ ވެސް އެއްވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ
އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ފުރަތަމަ އެއްވީ ރައީސް އަބްދުﷲ ޔާމީން، މާލެއިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގަތް ވަގުތާ ދިމާކޮށެވެ. އެމަނިކުފާނުގެ ކާރުކޮޅުގައި ޖުމްހޫރީ މައިދާން ކައިރިން ލާފައި ވަޑައިގެންނެވި ވަގުތު އިދިކޮޅު މީހުން ވަނީ އިސްތިއުފާއަށް ގޮވައި ހުތުރު ބަހުން ހަޅޭއްލަވައިފަ އެވެ.

އިހުތިޖާޖުގައި ބައިވެރިވި ބައެއް މީހުން ވަނީ ޖުމްހޫރީ މައިދާނުގެ މެދުގައި އޮންނަ ބުރުމަތީގައި އިށީނދެ ތިބެ ވެސް އަޑުއުފުލައިފަ އެވެ.

އަދި މިރޭ ވެސް އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވި އެވެ. އެކަމަކު މާގިނައިރުތަކެއް ނުވަނީސް ފުލުހުން ގޮސް ވަނީ އެމީހުން އެ ސަރަހައްދުން ފަހަތަށް ޖައްސާލައިފަ އެވެ. ނަމަވެސް އިދިކޮޅު ހަރަކާތުގެ މީހުން ދެން ޖަމާވެ އަޑު އުފުލަން ފެށީ އެ މީހުންގ މައި ހަރުގެ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒް ކައިރީގަ އެވެ. ސަރުކާރާ ދެކޮޅު ލިޔުންތައް ހިފައިގެން ތިބި އިދިކޮޅު އެކްޓިވިސްޓުން ކުނޫޒް ކައިރީގައި މުޒާހަރާ ފެށުމާއެކު އެސްއޯ ފުލުހުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވަން މަސައްކަތް ކުރި އެވެ.

އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާން ސަރަހައްދަށާއި މާލޭގެ އެހެން ބައެއް ސަރަހައްދުތަކަށް އެއްވާން މި ފެށީ، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވުމާއި އިހުތިޖާޖު ކުރުން ސަރުކާރުން ވަރަށް ބޮޑަށް ހަނިކުރުމުން އެ ފުރުސަތު ބަންދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެވެ.