22 ޖެނުއަރީ 2018 - 11:25

ރެހެންދި ފަހެއްގެ ފްލެޓްތައް އިމާރާތް ކުރުމަށް ޝީޓްޕައިލް ކުރުމުގެ ސަބަބުން ކައިރީގައި ހުރި ގެއަކަށް ގެއްލުން ވެދާނެތީ ޝީޓް ޕައިލިންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ،
އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކޯޓުން އެގޮތަށް އަމުރުކުރީ އަމީނީ މަގުގައި ރެހެންދި ފަހެއް ފްލެޓްތައް އިމާރާތް ކުރަމުންދާ ބިމުގައި ޝީޓް ޕައިލް ކުރާތީ އެ ތަނާ އިންވެގެން ހުރި ގެއަކަށް ގެއްލުން ވާތީ ކަމަށް ބުނެ އެ ގޭގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ، އެ ފަރާތުން ކޯޓުގައި އެދުނީ އެ މައްސަލަ ނިމެންދެން ޝީޓްޕައިލިންގެ މަސައްކަތް ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.
ކޯޓުގެ އަމުރުގައިވަނީ އެ މައްސަލައިގައި ދައުވާކުރާ ފަރާތަކީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ފަރާތެއް ކަމަށާއި އަދި އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ ދައުވާގެ ބޭނުން ކެނޑިދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ގޮތެއް ނިންމަންދެން ރެހެންދި ފަހެއްގެ މަޝްރޫއުގެ ޝީޓްޕައިލިންގެ މަސައްކަތް ހުއްޓާލަން އަމުރުކުރާ ކަމަށް ގާޒީ މުހައްމަދު ހަލީމް ނެރުއްވި އެ އަމުރުގައިވެ އެވެ.
މީގެ އަހަރުތަކެއް ކުރިން، މިހާރުގެ ހޮޓެލް ޖެން ހެދުމަށް ޝީޓްޕައިލް ކޮށްގެން އިމާރާތް ކުރި އިރު ވެސް ކައިރީގައި ހުރި ސްކޫލްތަކާއި އިމާރާތްތަކުގައި ރެނދުލައި، ގެއްލުން ވެގެން އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.