24 ޖެނުއަރީ 2018 - 15:46

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި 14 ބުރީގެ އޮފީސް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު އިއުލާނެއްގައި ބުނީ، ގާތްގަނޑަކަށް 2،500 އަކަފޫޓުގެ ބިމެއްގައި އޮފީސް އިމާރާތް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މި މަހުގެ 31 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި އިމާރާތް ހަދަނީ ކޮން ތަނެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބީއެމްއެލްއިން ބުނިގޮތުގައި، އެ އިމާރާތް ހަދާތަނުގައި ދެ ބުރިއަށް ހަދާފައިވާ 2،500 އަކަފޫޓުގެ އިމާރާތެއް ތަޅައި ސާފުކުރަން ޖެހެ އެވެ.
ބީއެމްއެލްއިން ބުނީ ޒަމާނީ ވަސީލަތްތައް ހިމެނޭ އެ އޮފީސް އިމާރާތުގައި ބޭސްމަންޓް ޕާކިން އަކާއި ތިން ލިފްޓެއް ހުންނާނެ ކަމަށެވެ. އަދި އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ބީއެމްއެލް އިން 14 ބުރީގެ އޮފީސް އިމާރާތެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، އެ ބޭންކުގެ ހެޑް އޮފީސް ހިންގާ އިމާރާތް ފިޔަވައި އަމިއްލަ އިމާރާތެއް މާލޭގައި ނުހުރެ އެވެ. މާލޭގެ ހަތަރު ސަރަހައްދެއްގައި ބޭންކްގެ ބްރާންޗް އަދި ހެޑް އޮފީސް ފިޔަވައި ސެލްފް ސާވިސް އޭޓީއެމްތައް ބަހައްޓާފައި ވެސް ވަނީ ކުއްޔަށް ހިފާފައިވާ ތަންތަނުގަ އެވެ.