ދަތުރެއްގައި އެހެން މީހަކު އެރުވުން މަނާކުރުމުން ޑްރައިވަރުން ހިތްހަމަނުޖެހިއްޖެ
ދަތުރެއްގައި އެހެން މީހަކު އެރުވުން މަނާކުރުމުން ޑްރައިވަރުން ހިތްހަމަނުޖެހިއްޖެ

ޓެކްސީ ދަތުރެއްގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައިގެން އެ ކާރަކަށް ފަސިންޖަރަކު އެރުވުން މަނާ ކުރުމުން ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ފަސިންޖަރުގެ ހުއްދައާ އެކު އިތުރު މީހަކު ޓެކްސީ އަށް ކުރިން އެރުވުނަސް އެކަން މުޅިން މަނާ ކުރުމުން ގިނަ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ، އޮފިޝަލު ވިދާޅުވި ގޮތުގައި މަގުތައް ތޮއްޖެހި، ޓްރެފިކާ ހެދި ދާން ބޭނުންވާ ތަނަށް އަވަހަށް ނުދެވޭތީ ދެން ހިދުމަތް ހޯދާ މީހުންނަށް ލަސްވުމެވެ.

"ޓެކްސީ ޑްރައިވަރުން ބުނާގޮތުން ކުރިން ފަސް މިނިޓުން ކުރެވޭ ދަތުރަކަށް މިހާރު މަގުތައް ހުންނަގޮތުން 20 މިނިޓް އެބަ ނަގާ. އެ ފަސިންޖަރު ދާން ބޭނުންވާ ތަނަކަށް ގެންގޮސްފައި ދެން ދަތުރެއް ނަގައިގެން އެހެން މީހުންނަށް ހިދުމަތް ދެވެނީ ވަރަށް ލަހުން. އެހެންވެ، އެއް ދަތުރު މަތީ އެހެން މީހަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަކީ މީހުންނަށް ލިބޭނެ ފަސޭހައެއް ކަމަށް ޑްރައިވަރުން ދެކެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން މީހުން އެއަށް އެރުވުން މަނާ ކުުރީ އެކަމާ ގުޅޭގޮތުން ހުށަހެޅި ޖިނާއީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެގޮތުން ޓެކްސީއެއްގައި އަންހެން ކުއްޖަކު އިންދައި، އެއަށް އެހެން ފިރިހެނަކު އަރައި އަންހެން ކުއްޖާ އަށް ވަޅިން ބިރު ދެއްކުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް އެތަނުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ތަންފީޒު ކުރަމުން އަންނަ މި ގަވައިދާ ގުޅޭގޮތުން އާއްމުންގެ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. އެއީ މާލޭގައި ޓެކްސީ ފަސޭހައިން ނުލިބޭއިރު އެ ގަވައިދުގެ ސަބަބުން އިތުރަށް ތަކުލީފުތައް އުފުލަން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވިި އެވެ.

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ ގުޅިގެން އެ މީހުންނާއި ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ. އަދި އެ މަޝްވަރާތަކަށް ފަހު، އިސްލާހުތަކަކާ އެކު ގަވައިދަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށް އެތަނުން ބުންޏެވެ.

ފަސިންޖަރުން ޓެކްސީގައި ތިއްބާ ހުއްދަ ނެތި، އިތުރު ދަތުރުތައް ނަގައިގެން އިތުރު މީހުން ޓެކްސީތަކަށް އަރުވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.