އުޖާލާ މަންޒަރުތަކެއް ފެނޭ، އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނާނަން: ފާރިސް
އުޖާލާ މަންޒަރުތަކެއް ފެނޭ، އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނާނަން: ފާރިސް

އުޖާލާ މަންޒަރުތަކެއް މިހާރު ފެނިވަޑައިގަންނަވާ ކަމަށާއި އިސްލާހީ މަސައްކަތުގައި އަދިވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް މިއަދު ބަންދުން ދޫކޮށްލި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އުޖާލާ މަންޒަރުތަކެއް ފެނޭ، އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނާނަން: ފާރިސް
އުޖާލާ މަންޒަރުތަކެއް ފެނޭ، އިސްލާހީ މަސައްކަތުގައި އަދިވެސް ދެމި ހުންނާނަން: ފާރިސް

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ހަ މަސް ވަންދެން ބަންދުގައި ހުންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލުމާއެކު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްލާހީ މަސައްކަތުގައި އޭނާ ވަކި ހިސާބަކުން މަޑުކޮށްލަން ޖެހިވަޑައިގެންނެވި ނަމަވެސް މިއަދުން ފެށިގެން އަނެއްކާ ވެސް އެ ހަރަކާތުގައި އުޅުއްވާނެ ކަމަށެވެ.

ފާރިސް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ އުޖާލާ މަންޒަރުތަކެއް ފެންނަ ކަމަށާއި މިއީ އިތުރަށް ހިތްވަރު ލިބެންވީ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ފެނޭ ހަމަ އުޖާލާ މަންޒަރުތައް. އަޅުގަނޑުމެންނަށް މިއަދު މިވީ ގޮތުން ވެސް އިތުރަށް ހިތްވަރު ލިބެންވީ. އަދި ބަޔަކު ބޭނުން ވިޔަސް ހުރިހާ ކަމެއް އެ މީހުން ބޭނުންހާ ގޮތަކަށް މި ގައުމުގައި ކުރާކަށެއް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ. މިކަން މިއަދު ވެސް އެނގިގެން މި ދިޔައީ،" ކްރިމިނަލް ކޯޓުގެ ބޭރުގައި ވަރަށް ޖޯޝާއެކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވި އެވެ.

އޭނާ ދޫކޮށްލަން ކޯޓުން ނިންމި ނިންމުމުގައި ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ރިއާޔަތް ކޮށްފައިވާތީ، އެއީ އުފާ ކުރައްވާ ކަމެއް ކަމަށް ފާހަގަކުރައްވމުން، ފާރިސް ވިދާޅުވީ އުއްމީދު އަދިވެސް ނުގެއްލޭ ކަމަށެވެ. އިސްލާހީ މަސައްކަތް ކާމިޔާބުކޮށް، ރައްޔިތުން ބޭނުންވާ ފަދަ މާހައުލެއް ގާއިމްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ބަންދުން ދޫކޮށްލިޔަސް ދައުވާ ކުރިއަށް ގެންދާ ކަން ފާހަގަ ކުރައްވައި، ފާރިސް ވިދާޅުވީ މިހާތަނަށް އެ މައްސަލާގައި ކަން ހިނގާފައި ގޮތަށް ބަލައި، އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލައްވާ ކަމަށެވެ. ބަންދުން މިނިވަންވީތީ އުފާ ކުރެއްވިޔަސް، އިދިކޮޅު ބައެއް ލީޑަރުން އަދިވެސް ޖަލުގައި ތިއްބެވިކަން ހަނދާން ނުނެތޭ ކަމަށް ފާރިސް ވިދާޅުވި އެވެ

"މިވަގުތު ވެސް އެންމެ ފުރަތަމަ އަޅުގަނޑު ގޮވާލަން ބޭނުންވަނީ ޝައިހް އިމްރާން އަބްދުﷲ ވެސް މިނިވަންކޮށް ދެއްވާށޭ. ރައީސް މުހައްމަދު ނަޝީދު ވެސް މިނިވަންކޮށް ދެއްވާށޭ. ގާސިމް އިބްރާހިމް ވެސް މިނިވަންކޮށް ދެއްވާށޭ. ކާނަލް ނާޒިމް ވެސް މިނިވަންކޮށް ދެއްވާށޭ. [އެބޭފުޅުން] މިހާރުން މިހާރަށް މިނިވަންކޮށް ދެއްވާށޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ކޯޓުން މިނިވަންކުރީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ހެއްކަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރުމަށާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ. އެ ޝަރުތުތަކަށް ފާރިސް އެއްބަސްވެ ވަޑައިގަތެވެ.