ކުޑަކުޑަ، އަގުހެޔޮ އަލިގަދަ ބައްތިއެއް
ކުޑަކުޑަ، އަގުހެޔޮ އަލިގަދަ ބައްތިއެއް

އާންމުކޮށް ބައްތި ގެންގުޅެނީ ބައިސްކަލު ދުއްވާ މީހުންނެވެ. އެކަމަކު އާންމު ދިރިއުޅުމުގައި ވެސް ބައްތިއަކީ ކުއްލިއަކަށް ބޭނުން ޖެހިދާނެ އެއްޗެކެވެ. މިފަދަ ހާލަތަކަށް އެންމެ ބޭނުންތެރި ބައްތިއަކަށްވާނީ ޕީސާ ލައިޓް ރިޗާޖަބަލް ކީޗެއިން ފްލޭޝްލައިޓެވެ.

ޕީސާ ލައިޓްގެ ނަމުން ނަން ދީފައިވާ މި ބައްތިއަކީ ދާ ކޮންމެ ތާކަށް ވެސް ތަޅުދަނޑިފުލުގައި ލައްވާލައިގެން އުފުލޭހާ ލުއި ބައްތިއެކެވެ. ކުޑަކުޑަ ޕޭޕާ ކްލިޕެއްހާ ކުޑައެވެ. އިރުއިރުކޮޅާ ބެޓެރީ ބަދަލުކުރާކަށް ނުޖެހެއެވެ. އަތްނުފޯރާހާ އަގު ބޮޑެއް ވެސް ނޫނެވެ.

ރީއާ ޓެކްގެ މި އުފެއްދުމަކީ ކުއްލި ހާލަތްތަކާއި އެކަނި ދަންގަޑީގައި ޑިޔުޓީ ނިންމާފައި ގެއަށްދާ މީހުންނަށާއި ދަތުރުދާ މީހުންނަށް އަމާޒުކޮށް އުފެއްދި ބައްތިއެކެވެ. ރިޗާޖުކުރެވޭ ބައްތިއަކަށްވާތީ މިއީ ތިމާވެއްޓާ ވެސް ރަހުމަތްތެރި ބައްތިއެކެވެ. ބޭނުމިއްޔާ މައިކްރޯ ޔޫއެސްބީ ވާކޮޅަކުން ވެސް މި ޗާޖުކުރެވެއެވެ. ބައްތި ދިއްލާލަންވީމާ ފިތަކަށް ފިތާލުމުގެ ބަދަލުގައި ޖެހެނީ ބައްތީގެ ބޮކި ހަރުކޮށްފައިވާ ބައި އަނބުރާލާށެވެ.

ވާރެއާއި ފިނީގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕީސާ ލައިޓް ވިއްކަން ހުރީ ފަސް ކުލައަކުންނެވެ. އެއީ ފިޔާތޮށްޓައި ނޫކުލައާއި ފެހިކުލައާއި ވައިލެޓުކުލައާއި ކަޅުކުލައެވެ. މީގެ ބައްތިއެއްގެ އަގަކީ 10 ޑޮލަރެވެ.