27 ޖެނުއަރީ 2018 - 17:00

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާވެސް މިއަދު ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތެއްގައި ކަން އެނގިއްޖެ އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ހަ މަސް ވަންދެން ބަންދުގައި ހޭދަކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކޮށްފައި ވަނިކޮށް ފުލުހުން ވަނީ އިތުރު ކޯޓު އަމުރަކާ އެކު މިއަދު ފާރިސް ހައްޔަރުކޮށްފަ އެވެ. ފާރިސް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ ގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
ފާރިސް ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ފާރިސް ހައްޔަރު ކުރަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގަ އެވެ. މިފަހަރު ތުހުމަތުކުރަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާ ހިސާބުގައި މަޖިލީހުގެ މެމްބަރުންނަށް ފާރިސް ފައިސާ ބެއްސެވި ކަމަށް ތުހުމަތު ކުރެވޭތީ އާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށް އެ އަމުރުގައިވެ އެވެ.
އެ އަމުރުގައި، ކުށް ބަޔާންކުރާ މާއްދާގައި އޮތީ ވެސް ރިޝްވަތުގެ ކުށާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ކުށެވެ.
ގާޒީ ހުސައިން ޝަހީދު ނެރުއްވި އެ އަމުރުގައިވާ ގޮތުން، ފާރިސް ހައްޔަރު ކުރަނީ ފާރިސް ދޫކޮށްލާފައި ބަހައްޓައިފި ނަމަ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި، ހެކިބަަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރައި، ހެކި ނައްތާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ފެންނާތީ އެވެ. ހުސެއިން ޝަހީދަކީ ކްރިމިނަލް ކޯޓަށް ބުރާސްފަތި ދުވަހުގެ ރޭ އައްޔަން ކުރެއްވި ފަނޑިޔާރެކެވެ.
މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު އޮންނަ ގޮތުން، މެމްބަރަކު ހައްޔަރު ކުރާ ނަމަ ކޯޓު އަމުރަކަށް އެދެން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށްވާތީ މިފަހަރު ވެސް ފާރިސް ހައްޔަރު ކުރުމުގެ އަމުރަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.
މީގެކުރިން ފާރިސް ހައްޔަރުކުރީ ވެސް ރިޝްވަތުގެ ތުހުމަތެއްގަ އެވެ. އޭރު އޭނާ ހައްޔަރުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.