ހައްޔަރު ކުރުމުގެ އަމުރު ބާތިލް ކުރަން އަސާންޖް އެދިއްޖެ
ހައްޔަރު ކުރުމުގެ އަމުރު ބާތިލް ކުރަން އަސާންޖް އެދިއްޖެ

ލަންޑަން (ޖެނުއަރީ 28) - ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާޖް ހައްޔަރު ކުރަން ލަންޑަނުގެ ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ވަކީލުން އެދިއްޖެ އެވެ.

އަސާންޖް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިފަ އެވެ. އެމްބަސީން ނުކުމެއްޖެ ނަމަ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ގޯނާ ކުރުމުގެ މައްސަލާގައި ސްވިޑަންއާ ހަވާލު ކުރުމުގެ ބިރު ބޮޑެވެ. ވަކީލުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ދޫކޮށްލާފައިވާތީ އަސާންޖުގެ މައްޗަށް ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ކްރައުން ޕްރޮސެކިއުޝަން ސާވިސް އިން ބުނެފައި ވަނީ ލަންޑަނުގެ ކޯޓަށް ހުށަހެޅި މަައްސަލަ ކާމިޔާބުވެއްޖެ ނަމަ އަސާންޖް މިނިވަންވާނެ ކަމަށެވެ.

އަސާންޖަށް ޑިޕްލޮމެޓިކް ހައިސިއްޔަތު ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ މި މަހު ކުރީކޮޅު ދެކޮޅު ހަދައިފަ އެވެ. އަދި އިންސާފާ ކުރިމަތިލުމަށް އެމްބަސީން ނުކުތުމަށް އޭނާ އަށް ވަނީ ގޮވާލައިފަ އެވެ. އެމްބަސީން ނުކުމެއްޖެ ނަމަ އަސާންޖް އެމެރިކާއާ ހަވާލު ނުކުރާނެ ކަމުގެ ގެރެންޓީ އިނގިރޭސި ވިލާތުން ދީފައެއް ނުވެ އެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަން މިދިޔަ އެޕްރީލް މަހު ވަނީ ސިއްރު މައުލޫމާތުތައް ވިކިލީކްސް މެދުވެރިކޮށް ބޭޒާރުކޮށްލާފައިވާތީ އަސާންޖް ހައްޔަރު ކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ވިދާޅުވެފަ އެވެ.