އޮޅުވާލައިގެން 10 ދުވަސް ތެރޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލައިފި
އޮޅުވާލައިގެން 10 ދުވަސް ތެރޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަތުލައިފި

ވޭތުވެ ދިޔަ ދިހަ ދުވަހުގެ ތެރޭގައި އޮޅުވާލައިގެން އެކި މީހުންގެ އަތުން އަތުލާފައިވާ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިދިޔަ ދިހަ ދުވަހުގެ ތެރޭގައި، އޮޅުވާލައިގެން ރީލޯޑާއި ރާސްޓަސްގެ ގޮތުގައި 26،600 އަށް ވުރެ ގިނަ ރުފިޔާ އާއި އެކައުންޓް ޓްރާންސްފާގެ ގޮތުގައި 90،000 އަށް ވުރެ ގިނަ ރުފިިޔާ މީހުންގެ އަތުން އަތުލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް އޮފީހުން ބުނި ގޮތުގައި މި ގޮތަށް ފައިސާ ހޯދުމަށް މީހުންނަށް ގުޅަނީ ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ އެވެ. އަދި އެ މީހުންނާ ތަފާތު ސުވާލުތައް ކުރުވައި، އިތުރަށް ކުރިއަށް ގެންދިޔުމަށް ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް، ނޫނީ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދެ އެވެ. މި ކުއިޒްގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށާއި ފޯނު ކޯލު ކަނޑާނުލައި ފައިސާ ޖަމާކޮށްދިނުމަށް ގުޅާ މީހުން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަކަރާއި ހީލަތުން ރީލޯޑު ނުވަތަ ރާސްޓަސް ހޯދުމުގެ އިތުރުން، ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުންކޮށްގެންނާއި ފޯނުން ގުޅައިގެން ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑުގެ މައުލޫމާތު ހިއްސާކޮށްދޭން އެދޭ ކަމަށް ފުލުހުން ބުންޏެވެ. މި ގޮތަށް ގުޅައިގެން ކާޑު ނަމްބަރާއި ސެކިއުރިޓީ ކޯޑް ފަދަ މުހިންމު މައުުލޫމާތު ހޯދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި ކުންފުންޏަކުން ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ ފޯނު ކޯލެއް އަތުވެއްޖެ ނަމަ އެއީ ސައްހަ ނަމްބަރެއްތޯ ޔަގީން ކުރުމަށާއި ޝައްކުވާ ނަމަ، އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފުލުހުން އެދެ އެވެ.

"ހަމަ އެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި އަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބަހައްޓާށެވެ." މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވެ އެވެ.