31 ޖެނުއަރީ 2018 - 12:58

އަދަން (ޖެނުއަރީ 31) - ޔަމަނުގެ ސަރުކާރު މިހާރު ގާއިމްކޮށްފައިވާ އަދަނުގެ ރިޔާސީ ގަނޑުވަރު ހަނގުރާމަވެރިން ހިފައިފި އެވެ.
ޔަމަނުގެ ސަރުކާރު އަދަނުގައި ގާއިމްކުރީ ވެރިރަށް ސަންއާ އަށް ހޫތީ ހަނގުރާމަވެރިން އަރާ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. ނަމަވެސް އާ ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ވަނީ ހާދީގެ ސަރުކާރާ ދެކޮޅަށް ތެދުވެ ސަރުކާރު އިސްތިއުފާ ދިނުމަށް އާދިއްތަ ދުވަހާ ހަމައަށް މުހުލަތު ދީފަ އެވެ.
އާދިއްތަ ދުވަހުން ފެށިގެން އެސްޓީސީ އިން ދޭ ހަމަލާތަކުގައި އަދަނުގެ އެންމެ އަވަށެއް ފިޔަވައި ހުރިހާ ސަރަހައްދެއް ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑު ވަޒީރު އަހުމަދު ބިން ދަޣާރު ހުންނެވީ ރިޔާސީ ގަނޑުވަރުގަ އެވެ. އަދި ބައެއް ވަޒީރުން ކަނޑުމަގުން ދަތުރުކޮށް އަދަނުން ފައިބައިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެސްޓީސީ އާއި ސަރުކާރު ސިފައިންނަކީ ކުރިން ގުޅިގެން އުޅުނު ދެ ބައި މީހުންނެވެ.
ރެޑް ކްރޮސް އިން ބުނި ގޮތުގައި ހަމަލާތަކުގައި އާދިއްތަ ދުވަހުން ފެށިގެން މިހާތަނަށް ވަނީ 40 މީހުން މަރުވެފަ އެވެ.
ޔަމަނުގައި ހަނގުރާމަ ފެށުމުން މަންސޫރު ހާދީ އަށް ސައުދީ އަރަބިއާ އިން ވަނީ ހިމާޔަތް ދީފަ އެވެ. އަނެއްކޮޅުން ސައުދީ ކޯލީޝަނުގައި ހިމެނޭ ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ދަނީ އެސްޓީސީ އަށް ވާގިވެރިވަމުންނެވެ. ސައުދީ ކޯލީޝަނުން މިހާރު ވަނީ ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން އަންގައިފަ އެވެ. އަދި އަދަނުގައި ހަމަޖެހުން ގާއިމްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.