އަމުރު ތަންފީޒު ކުރަން ގޮވާލަން މާލެއަށް މީހުން ގެންނަނީ
އަމުރު ތަންފީޒު ކުރަން ގޮވާލަން މާލެއަށް މީހުން ގެންނަނީ

ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ތިން ލީޑަރުންނާއި ސިޔާސީ އެހެން މީހުން ދޫކޮށްލުމަށް ރޭ ސުޕްރީމު ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރަން ގޮވާލަން އަތޮޅު ތެރެއިން މީހުން މާލެ އައުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

އަމުރު ތަންފީޒު ކުރަން ގޮވާލަން މާލެއަށް މީހުން ގެންނަނީ
އަމުރު ތަންފީޒު ކުރަން ގޮވާލަން މާލެއަށް މީހުން ގެންނަނީ

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި މިނިވަން ކުރުމަށް އަންގާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލުމަށާއި ގޮނޑި ނުގެއްލޭ ކަމަށް ނިންމި 12 މެމްބަރުން މަޖިލީހަށް ވައްދަން ބާރު އެޅުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށެވެ.

އެ ގަރާރު ފާސްކޮށްފައި ވަނީ އެ މަޖިލީހުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުން ނެެވެ.

ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ބާރެއް ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އިތުރުން ޝަރުއީ ދާއިރާގައި ވެސް ނެތް ކަމަށެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ "މޭޑޭ" ގައި މާލޭގައި ބޭއްވި ފަދަ އެއްވުމެއް ބޭއްވުމަށް ރައްޔިތުން މާލެ އެރުމަށް އިންތި ގޮވާލެއްވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ އާ ދައުރެއް ފަށާއިރު އިދިކޮޅު ހުރިހާ މެމްބަރުން މަޖިލީހަށް ވަންނާނެ ކަމަށެވެ.

"ރައީސް ހިތާބު ދެއްވަން ކެރެންޔާ ދެއްވަންވީ. މަޖިލީހާ ފަނޑިޔާރުގެ ވެސް ގެއްލިއްޖެ. ރައީސް ޔާމީން މިހާރު ހުންނެވީ ގައުމުގައިވެސް ބާކީވެފައި،" އީވާ ވިދާޅުވި އެވެ.

ސުޕުރީމް ކޯޓުގެ ހުކުމް ތަންފީޒް ނުކުރުމަކީ މުއައްސަސާތަކުން ޖިނާއީ ކުށަކަށް އަރައިގަތުން ކަމަށާއި އެކަން ކުރާ ފަރާތްތަކާމެދު ދައުވާ ކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވަނީ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ވިދާޅުވެ އެބާރުވެރިކަން ދައްކާލުމަށް މާލެ އައުމަށް ގޮވާލައްވާފަ އެވެ.

ސުޕްރީމު ކޯޓުން ރޭ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ.