03 ފެބުރުއަރީ 2018 - 13:34

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުރު ވިލޭރޭ ކުރި އަމުރަށް ތަބާވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދިވެހިރާއްޖެ އަށް ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
އެ އަމުރާ ގުޅިގެން، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ރައީސް ނަޝީދު ކުށްވެރިވާ ކަމަށް ކުރިން ކުރި ޙުކުމް ބާޠިލުކުރުމަށާއި ސިޔާސީ ކުށްވެރިން ޖަލުން ދޫކުރުމުގެ އިތުރުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކުރި އަމުރަށް އިޙްތިރާމް ކުރުމަށް ގޮވާލައިފަ އެވެ.
އދ. ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވެސް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނީ ވަރަށް މުހިންމު އަމުރެއް ކަމަށް އޭނާ ފާހަގަކުރައްވާ ކަމަށެވެ. އަދި އެ އަމުރަށް އިހުތިރާމް ކުރުމަށާއި ހަމަޖެހުން ދެމެހެއްޓުމަށް ވެސް ގުޓަރެސް ވަނީ ގޮވާލައްވައިފަ އެވެ.
އެ ބާޔާނުގައި ވަނީ މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ލިބޭނީ ހުރިހާ ޕާޓީއެއް މަޝްވަރާ ކޮށްގެން ކަމަށާއި އދ. އޮންނާނީ އަބަދުވެސް އެކަމަށް މަގުފަހި ކޮށްދޭން ތައްޔާރަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ވީ އެންމެ އަވަހަކަށް ތަންފީޒު ކުރަން ވެސް ބޭރުގެ ބައެއް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން، އިނގިރޭސި ވިލާތާއި އެމެރިކާ، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އިން ވެސް ވަނީ ކޯޓުގެ އަމުރަށް އިހުތިރާމްކުރަން ގޮވާލައިފަ އެވެ.
ކޯޓުން އަމުރު ނެރުނުތާ 36 ގަޑިއިރަށް ވުރެ ގިނަ އިރުވެގެން ދިޔައިރު ވެސް ތަފާތު ބަހަނާ ދައްކައި، އެ އަމުރު ސަލާމަތީ ބާރުތަކުން ތަންފީޒު ނުކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.