ގައުމުގެ އަމާންކަމަށް ސަފުތައް ރުކުރުވާލައިފިން: ފުލުހުން
ގައުމުގެ އަމާންކަމަށް ސަފުތައް ރުކުރުވާލައިފިން: ފުލުހުން

ގައުމުގެ އަމާންކަމާއި މަސްލަހަތަށް ފުލުހުންގެ ސަފުތައް ރުކުރުވާލާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ގައުމުގެ އަމާންކަމަށް ސަފުތައް ރުކުރުވާލައިފިން: ފުލުހުން
ގައުމުގެ އަމާންކަމަށް ސަފުތައް ރުކުރުވާލައިފިން: ފުލުހުން

ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ދިވެހި ގައުމުގެ އަމާން ކަމާއި މަސްލަހަތު ހިމާޔަތް ކުރުމަށް ހިތްވަރާއެކު ފުލުހުންގެ ސަފުތައް ރުކުރުވާލާފައިވާ ކަމަށެވެ. އެ ޓްވީޓްކޮށްފައި ވަނީ ފުލުހުންގެ މެނޭޖްމެންޓުގައި މިހާރު ތިއްބެވި އެންމެ އިސްވެރިން ސަފަކަށް އެތުރި ނަގާފައިވާ ފޮޓޯއަކާ ވެސް އެކުގަ އެވެ.

ފޮޓޯގެ މެދުގައި ހުންނެވީ އެންމެ ފަހުން އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުﷲ ނަވާޒެވެ.

ފުލުސް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ނަވާޒު ވަނީ ފުލުހުންގެ އެންމެ އިސް އޮފިސަރުންނާއި ގިނަ އަދަދެއްގެ ކޮމިޝަންޑް އޮފިސަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރިއަށް ދާ ކަންކަމާ ގުޅޭގޮތުން އޮފިސަރުންނަށް މައުލޫމާތު ދެއްވައިފަ އެވެ. އަދި ގައުމުގެ ސުލްހަ އަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ނަވާޒު ޝުކުރު އަދާކުރެއްވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު އަރީފް ވަކި ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އަރީފް މަގާމުން ވަކި ކުރެއްވުމުން ފުލުހުންގެ އިދާރާ ހިންގެވުން އެންމެ ފުރަތަމަ ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ. އޭނާ ވެސް ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވި ގޮތުގައި އަރީފް ވަކި ކުރެއްވީ އިދިކޮޅު ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އޭނާއަށް ގުޅުއްވަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

ޖަލުގައި ތިއްބެވި ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ސުޕްރީމު ކޯޓުން ކުރި އަމުރު މިހާތަނަށް ތަންފީޒުކޮށްފައި ނުވާތީ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.