06 ފެބުރުއަރީ 2018 - 05:57

އަލަށް ފިލްމު ކުޅެން ފެށި ބަތަލާ ދިޝާ ޕަޓާނީ އަކީ އަބަދުވެސް އޭނާގެ ރީތި ފޮޓޯތައް އިންސްޓަގްރާމާއި ޓުވިޓާ މެދުވެރިކޮށް ހިއްސާކުރާ ބަތަލާ އެކެވެ. ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވި، ދިޝާ ހަތް ވަނަ ކުލާހުގައި އުޅުނުއިރު ނަގާފައިވާ ފޮޓޯއެއް ވައިރަލްވެ ވަރަށް ގިނަ ނިއުސް ވެބްސައިޓްތަކުގައި އެ ފޮޓޯ ވަނީ ޝާއިއުކޮށްފަ އެވެ.
މި ފޮޓޯ ޝެއާކުރި ނިއުސް ވެބްސައިޓަކުން ފޮޓޯގެ ކެޕްޝަންގައި، ދިޝާ ޕަޓާނީ އެއް އިރެއްގައި ކިހާ ހުތުރު ތޯ އާއި މިހާރު ފަރަގު ދެކިބަލާށޭ ލިޔެފައިވެ އެވެ.
"ތި ބުނީ ވަރަށް ބޮޑު ތެދެއް. ހަތް ވަނަ ގްރޭޑަށް ކިޔަވަންދާއިރު ވެސް ހުންނަން ޖެހޭނީ ރީތި ހެދުމެއް އަޅައިގެން އިސްތަށިގަނޑު ސްޓައިލްކޮށް މޭކަޕް ކޮށްގެން،" ފޮޓޯ ކެޕްޝަނާ ހިތްހަމަނުޖެހިގެން ދިޝާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
ދިޝާ ރުޅިއައިކަން އެނގުމުން އެ ވެބްސައިޓުން ވަނީ އެ ފޮޓޯ ނަގައިފަ އެވެ.
ދިޝާ މަޝްހޫރުވީ މިދިޔަ އަހަރު ނުކުތް "އެމް.އެސް ދޯނީ" އިންނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ހަގީގީ ލޯބިވެރިޔާ ޓައިގާ ޝްރޮފް އާއެކު "ބާގީ 2" ގައެވެ.