05 ފެބުރުއަރީ 2018 - 21:11

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް 15 ދުވަސް އިތުރުކުރި އަމުރު ބާތިލްކޮށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން މިރޭ ފުލުހުންނަށް އަމުރުކޮށްފި އެވެ.
ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްފަ އެވެ. އޭނާ އަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް އަދިވެސް އެއްވެސް ބޭފުޅަކު ދުލެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ސުޕްރީމް ކޯޓުން ފާރިސް ދޫކޮށްލަން ނިންމާފައިވާތީ ބަންދުގެ މުއްދަތު އިތުރުކުރަން އެ ކޯޓުން ނެރުނު އަމުރު، ފަސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ވަގުތުން މިނިވަން ކުރުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ފާރިސް މައުމޫން ދޫކޮށްލާފައި ނުވާތީ، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އިތުރު ފުލުހުންތަކެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފި އެވެ.
ރިޝްވަތުގެ މައްސަލައިގައި ހަ މަހަށް ވުރެ ގިނަ ދުވަހު ފާރިސް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އޭނާ މިނިވަންކޮށްފަ އެވެ. އެކަމަކު އޭގެ 24 ގަޑިއިރު ފަހުން ފުލުހުން ފާރިސް ހައްޔަރުކުރީ ރިޝްވަތުގެ އެހެން ތުހުމަތެއްގައި، އިތުރު ކޯޓު އަމުރެއްގެ ދަށުންނެވެ.