06 ފެބުރުއަރީ 2018 - 19:16

ފެމެލީ ޕްރޮޓެކްޝަން އެޖެންސީގެ ބޯޑާއި ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާޕާސަން ކަމުން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގައި މިނިސްޓަރުކަން ކުރައްވާފައިވާ އަނީސާ މިއަދު ވިދާޅުވީ އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާތީ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުން އެކަންޏެއް ނޫން. ރައީސުލްޖުމްހޫރިއްޔާ މިހާރު އަމަލު އެ ކުރައްވަނީ ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަކަށް ނުފެނޭ،" އަނީސާ ވިދާޅުވި އެވެ.
އަނީސާ އަންނަނީ އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުން މަސައްކަތްތައް ކުރައްވަމުންނެވެ. އޭގެ ތެރޭގައި އޭނާ އިސްވެ ހުންނަވައިގެން ހިންގަވާ "ހޯޕް ފޯ ވުމެން" ހިމެނެ އެވެ.
ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ލީޑަރުންތަކެއް މިނިވަން ކުރަން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒުނުކޮށް، ސަރުކާރުން ރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.
އަނީސާ ގެ އިތުރުން ރައީސް އޮފީހާއި ބައެއް މިނިސްޓްރީތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.