07 ފެބުރުއަރީ 2018 - 12:26

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލަން މަސްކުގެ ސްޕޭސްއެކްސް އިން އުފެއްދި، ދުނިޔޭގެ އެންމެ ބާރުގަދަ ރޮކެޓް ކާމިޔާބުކަމާ އެކު ލޯންޗުކޮށްފި އެވެ.

ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސްއެކްސްގެ "ފެލްކަން ހެވީ"ގެ ޓެސްޓް ދަތުރު ފެށީ ޕޭލޯޑްގެ ގޮތުގައި، ކުންފުނީގެ ވެރިޔާ އީލަން މަސްކުގެ ކާރު ހިފައިގެންނެވެ. މި ދަތުރުގެ އަމާޒަކީ މެނިކުއިންއަކާ އެކު ފޮނުވި ކާރު މާސްގެ އޯބިޓަށް ދޫކޮށްލުމެވެ.
ބިޔަ އުޅަނދު، އެއްވެސް މައްސަލައެއް ނެތި ޖައްވަށް އަރައިގެން ދިޔަ ނަމަވެސް ސީއީއޯ މަސްކް ވިދާޅުވި ގޮތުގައި މިއީ ކާމިޔާބުވުމުގެ 50 ޕަސެންޓް ޗާންސް އޮތް ޓެސްޓެކެވެ.
"މި ވަރުގަދަ ގޮވުމާ އެކު ފެނިގެން ދިޔައީ [ރޮކެޓާ ދިމާލުން] ފުރޮޅެއް ވެއްޓި ފުރޮޅެމުން ދިޔަތަން. އެކަމަކު ނަސީބަކުން މިކަން ކާމިޔާބު،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަސްކް ވިދާޅުވި އެވެ.
މި ކާމިޔާބު ޓެސްޓާ އެކު ފެލްކަން ހެވީ ވެގެން ގޮސްފައި ވަނީ ޖައްވައް އުޅަނދުތައް ފޮނުވުމުގައި އެންމެ ކާމިޔާބު ވެހިކަލަށެވެ.
މި ރޮކެޓް ތައްޔާރުކޮށްފައި ވަނީ ލޯ-އާތު އޯބިޓަށް 64 ޓަނުގެ އެއްޗެހި ފޮނުވޭ ގޮތަށެވެ. މީގެ ކުރިން އެންމެ ބަރު އެއްޗެހި ފޮނުވުމުގެ ރެކޯޑް އޮތީ ޑެލްޓާ 4 ހެވީ އަށެވެ. އެކަމަކު ފެލްކަން ހެވީގައި ޑެލްޓާ 4 ހެވީގައި އުފުލާ ވަރުގެ ދެ ގުނައަށް ވުރެ ބަރުކޮށް އުފުލޭނެ އެވެ. އެކަމަކު ފެލްކަން ހެވީގެ އަގު ތިން ބައި ކުޅަ އެއް ބަޔަށް ވުރެ ކުޑަ އެވެ.
ބަރު އެއްޗެހި އުފުލުނު ނަމަވެސް މަސްކް ގަސްދުކުރެއްވީ އޭނާގެ ޓެސްލާ، ރަތް ކާރު، މެނިކުއިންއަކާ އެކު ފޮނުވާށެވެ.
ފެލްކަން ހެވީ އަކީ ސްޕޭސްއެކްސް ފެލްކަން 9 ގެ ތިން ރޮކެޓް އެއްކޮށްލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ ތެރެއިން ރޮކެޓްގެ އެންމެ ފަހު ބައި، ކޮންޓްރޯލް ލޭންޑިންއެއްގައި ދުނިޔޭގެ ބިމަށް އަނބުރާ ގެނެވޭނެ އެވެ.
މި ރޮކެޓްގެ މުޅި ދަތުރު ވަގުތުން ބަލައިލެވޭނެ އެވެ.