07 ފެބުރުއަރީ 2018 - 15:52

ދިވެހިންނަށް ބޭނުންވަނީ މުޅިން ތަފާތު ސިޔާސީ ވިސްނުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ހާދިސާގެ ހަނދާން އާކުރައްވައި ފޭސްބުކްގައި ވިދާޅުވީ، ނަފުރަތާއި ރުޅިވެރިކަމުގެ އުސޫލުތައް ބޭނުންނުވާ ކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަހީދާ މެދު އެމްޑީޕީގެ ސަޕޯޓަރުން އޭރުންސުރެ ތިބީ ވަރަށް ރުޅިއައިސް ހިތްޖަމަނުޖެހިފަ އެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި އެއީ ވަހީދު އަޑީގައި ހުންނަވައިގެން ގެނައި ބަގާވާތަކެވެ.
އެކަމަކު ބައިނަލްއަގުވާމީ ތަހުގީގަކަށް ފަހު ނިންމީ އެއީ ބަގާވާތެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް ވިދާޅުވީ މާޒީގައި ހިނގައިދިޔަ ކަންތައްތަކުން އިބުރަތް ނުހޯދައިފި ނަމަ އެ މާޒީ އަލުން އިއާދަވެގެން ދާނެ ކަމަށެވެ.
"ދިވެހިންނަށް ބޭނުންވަނީ މުޅިން ތަފާތު ސިޔާސީ ވިސްނުމެއް. އޭގެ ތެރޭގައި އެންމެން ޝާމިލްކުރުމާއި، އެހީތެރިވުމާއި އިހުލާސްތެރިކަން ހިމެނޭ،" ވަހީދު ވިދާޅުވި އެވެ.
"އަހަރެމެންނަކަށް ބޭނުމެއް ނުވޭ ރުޅިވެރިކަމާއި އަނިޔާ އަދި ކުރިމަތިލުމުގެ ސިޔާސީ ކަންކަމެއް."
ވަހީދު ވިދާޅުވި ގޮތުގައި ކޮންމެ މީހަކު ވެސް އަމިއްލަ މިނިވަން ވިސްނުމެއް ގެންގުޅެން ޖެހޭނެ އެވެ. އަދި ކަންތައްތައް ގޯސްކުރުމުގެ ވިސްނުން ހުންނަ މީހުން ފަތުރާ ރުޅިވެރިކަމުގެ މައްޗަށް ބަރޯސާ ނުވުމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް އެކަމާ ގުޅޭ އެންމެންނާ އެކު އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ހައްލުކުރެވޭނެ ކަމަށެވެ. ސުލްހަވެރި މުޖުތަމައުއެއް އުފެއްދޭނީ އަމިއްލަ ދަރިންގެ އިތުރުން އެހެން ކުދިންނަށް ވެސް އަޅާލައިގެން ކަމަށް ވަހީދު ވިދާޅުވި އެވެ.